މިހާތަނަށް ބޮޑުކޮށްފައިނުވާ ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެން ބޮޑުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މުވައްޒަފުންގެ މުސާރަތައް އެއްހަމަކޮށް، ޕޭ ހާމަނައިޒްކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުގައެވެ.
އެ މަސައްކަތުގެ ތެރެއިން މިހާރު ވަނީ ނަރުހުންނާއި ޓީޗަރުންނާއި ސަލާމަތީ ޚިދުމަތްތަކުގެ މުސާރަތައް ވެސް ވަނީ ބޮޑުކޮށްފައެވެ. އެކަމަކު، އަދިވެސް ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުނުކުރާތީ ކަންބޮޑުވުން އެބައޮތެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެން ބޮޑުވާނެ ކަމަށެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވެސް ރައީސް މުއިއްޒު ވަނީ މި އަހަރު ތެރޭ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެކަން އިއުލާނުކުރައްވާފައެވެ. މި އަހަރުގެ ބަޖެޓުގައި ވެސް އެ ކަމަށް 500 މިލިއަން ރުފިޔާ ހިމެނިއެވެ.
"ކުރިން ވެސް ދަންނަވާފައިވާ ފަދައިން، މި އަހަރު މުސާރަ ބޮޑުނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޕޭ ހާމަނައިޒްކުރުމުގެ މަސައްކަތް ފެށީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް އެއްހަމަކޮށް، ކަރަމާތްތެރި ދިރިއުޅުމެއް އުޅެން ބޭނުންވާ ވަރުގެ ރަނގަޅު އުޖޫރައެއް ދިނުމުގެ މަގުސަދުގައެވެ.
ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރަން ނިންމަވައި، އިއުލާނުކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރެވެ. އޮގަސްޓް 21، 2023 ގައި އޭރުގެ ރައީސްގެ ހައިސިއްޔަތުން ޞާލިޙް ވިދާޅުވީ، 2024 ވަނަ އަހަރުން ފެށިގެން ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށެވެ.
އެ ބަދަލުގެ ސަބަބުން 44،208 މުވައްޒަފެއްގެ މުސާރަ ބޮޑުވާނެ ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު މިހާތަނަށް މުސާރައާއި އިނާޔަތްތަކަށް 9.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، މިދިޔަ އަހަރާ އަޅާބަލާއިރު 575 މިލިއަން ރުފިޔާ ބޮޑު އަދަދެކެވެ.
ޕޭ ހާމަނައިޒްކުރުމާ އެކު މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ އިތުރަށް ބޮޑުވާނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ފަދައިން ރައީސް މުއިއްޒު އިއުލާނުކުރައްވާފައިވާއިރު ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ރާއްޖޭގެ ދަރަނި ބޮޑުވެފައިވާތީ އެ ކަމުގެ ކަންބޮޑުވުން ފާހަގަކޮށް ޚަރަދު ކުޑަކުރަން ގޮވާލަމުންނެވެ. އެ ގޮތުން، ރާއްޖެއިން މި އަހަރު ވެސް 500 މިލިއަނެއްހާ ޑޮލަރު ދަރަންޏަށް ދައްކަންޖެހޭއިރު އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ.