ގެއްލިފައި އޮތް އިތުބާރު ހޯދޭނީ ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކޮށްގެން: އުއްތަމަފަނޑިޔާރު

އުއްތަމަ ފަނޑިޔާރު: އެ މަނިކުފާނު ވަނީ ގުޅިގެން މަސައްކަތްކުރަން އިލްތިމާސްކުރައްވާފައި -- ފޮޓޯ/ ސުޕްރީމް ކޯޓު

ގޭންގު ކުށްތަކާއި ނުރައްކާތެރި އެހެނިހެން ކުށްތައް އިންތިހާއަށް އިތުރުވުމުގެ ސަބަބުން، ކުރިމަތިވެފައިވާ އިޖުތިމާޢީ މައްސަލަތަކާއި އެ ކަމާ ގުޅިގެން ގެއްލިފައި އޮތް އިތުބާރު ހޯދަން އޮތް ހަމައެކަނި ގޮތަކީ މުއައްސަސާތައް އެއް އަމާޒަކަށް މަސައްކަތްކުރުން ކަމަށް އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުހައްމަދު އިއްޔެ އިލްތިމާސްކުރައްވައިފިއެވެ.

އަލަށް ޢަމަލުކުރަން ފެށި ގޭންގު ކުށްތަކާއި އެހެނިހެން ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރިކުރުވުމުގެ ބޭނުމުގައި ފަނޑިޔާރުންނަށް އަމާޒުކޮށްގެން އދ. މާމިގިލީގައި ބޭއްވި ޓްރެއިނިން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، ގޭންގު ކުށްތަކާއި ނުރައްކާތެރި އެހެނިހެން ކުށްތަކާ ގުޅޭ ގާނޫނުގެ މަޤުޞަދު އެކަށީގެންވާ ގޮތުގައި ހާސިލުކުރުމަށްޓަކައި ގުޅުންހުރި ހުރިހާ އިދާރާތަކެއް، އެއް އަމާޒަކަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މި ޤާނޫނަށް ޢަމަލުކުރުމުގައި ގުޅިގެން މަސައްކަތްކުރަންޖެހޭ ޤާނޫނީ އިދާރާތަކެއް އެބަހުރި. އެއީ މި ޤާނޫނުން ޚާއްޞަ ބާރުތައް ދީފައިވާ ހުރިހާ އިދާރާތައް. މިއިން ކޮންމެ އިދާރާއަކަށް މި ޤާނޫނުގެ ދަށުން ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް ތަފާތުވިޔަސް، މި ޤާނޫނުގެ ޙާޞިލުކުރަން ބޭނުންވާ ނަތީޖާއަކީ ހަމަ އެއް ނަތީޖާއެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

"ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކޮށްގެން ނޫނީ، މި ޤާނޫނުގެ ފޮނި މީރުކަން އަޅުގަނޑުމެންގެ މުޖުތަމަޢަކުން ނުފެންނާނެ. ގެއްލިފައިވާ އިތުބާރު، އަނބުރާ ހޯދަން ބޭނުންނަމަ، އަޅުގަނޑުމެނަށް ހަމައެކަނި އޮތްގޮތަކީ، މި ދެންނެވިފަދައިން ގުޅިގެން މަސައްކަތް ކުރުން،"

ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް މިދިޔަ މަހު 25ގައި ވަނީ އަމަލުކުރަން ފަށައިފިއެވެ.

މިއީ، ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ކަމާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، އެފަދަ ކުށްތައް ހުއްޓުވުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ ބާރުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުން ކުޑަކުދިން ދުރުކުރުމަށް ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް މޮނިޓާކޮށް، ކޮންޓްރޯލްކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެ ނޫން ވެސް ކަމާބެހޭ އުސޫލުތައް ކަނޑައެޅުމަށް މަޖިލީހުން ފާސްކޮށް، އަދި ރައީސް ތަސްދީޤުކުރައްވާފައިވާ ޤާނޫނެކެވެ.

މި ޤާނޫނުގައި ގޭންގެއްގެ ގޮތުގައި ބެލެވޭނެ ގޮތްތަކާއި، ގޭންގް ކުށްތަކާއި އަދަބުތައް ހިމަނާފައިވެއެވެ. އެގޮތުން، މި ޤާނޫނުގައި ”އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް“ ކަމަށް ބުނެފައިވަނީ، ޖިނާއީ ބޮޑު ކުށެއް ނުވަތަ އެފަދަ އެއް ކުށަށްވުރެ ގިނަ ކުށް ކުރުމަށް، ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށް ކޮށްގެން ސީދާ ގޮތެއްގައި ވިޔަސް ނުވަތަ ނުސީދާ ގޮތެއްގައި ވިޔަސް މާލީ ނުވަތަ އެނޫންވެސް މާއްދީ މަންފާއެއް ހޯދުމަށް، ގުޅިގެން މަސައްކަތްކުރާ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ އިންތިޒާމުވެފައިވާ ގްރޫޕަކަށެވެ.

އާ ގާނޫނާއެކު ތަންފީޒީ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ.

comment ކޮމެންޓް