ރާއްޖޭން ބޭރުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް، އޭގެ ވިޔަފާރި ކުރާ މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި މީހަކީ، ހ. ސެމޯއާ، އިސްމާއިލް ނައުފަލްއެވެ. އޭނާއަކީ ފައިސާ ދިނުމުން ރާއްޖެއިން ބޭރުން މަސްތުވާތަކެތި އެތެރެކޮށްދޭ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ.
ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު އޭނާގެ މައްޗަށް ދެ މައްސަލައެއް ސާބިތުވިއެވެ. އެއީ، ކެނެބިސް ބޭނުންކުރުމުގެ ދައުވާއަކާއި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ. މި ދެ މައްސަލައިގެ ހުކުމް ވެސް ކުރެއްވީ ގާޒީ އަލީ ނަދީމެވެ.
ރިޕޯޓުގައިވާ ގޮތުން، އޭނާ ހައްޔަރުކުރީ، ޑިސެންބަރު 18، 2023 ގައެވެ. އެއީ، އަހަރެއްގެ ތެރޭގައި ރާއްޖޭން ބޭރަށް ކުރި 14 ވަނަ ދަތުރަށް ފަހު މެލޭޝިއާއިން ރާއްޖެ އައި ވަގުތެވެ. އޭނާގެ ލަގެޖް ފާސްކުރިއިރު 994 ގްރާމްގެ މެޓަމްފެޓަމިން ރެސިމެޓް (މެތު) ފެނިފައިވާ ކަމަށް ހުކުމުގައިވެއެވެ.
އެ މައްސަލައިގައި ނައުފަލް އޭރު ބުނެފައިވަނީ އެއީ އާ ފޮއްޓެއް ކަމަށާއި އެހެންވެ، މެލޭޝިއާއިން ފޮށި ގަތްއިރު ވެސް ފޮށީގައި އޮތް އެއްޗެއް ހުރުން އެކަށީގެންވާ ކަމަށެވެ. ހުކުމުގައިވާ ގޮތުން، ނައުފަލްގެ ފޯނުން ފެނުނު ފޮޓޯތަކުގެ ތެރޭގައި ފޮށިން ފެނުނު މަސްތުވާތަކެތީގެ ފޮޓޯތަކެއް ހުއްޓެވެ.
އެހެންވެ، ފޮށީގައި މަސްތުވާތަކެތި ހުރި ކަމާއި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ނިޔަތް އޮތްކަން ސާބިތުވާ ކަމަށް ބުނެފައިވެއެވެ. ބައެއް ފޮޓޯތައް ވެސް ހުކުމުގައި ހާމަކޮށްފައިވެއެވެ.
ނައުފަލްގެ މައްޗަށް ދައުވާކުރި ދެ މައްސަލައިގެ ތެރެއިން ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައި ވެއެވެ. އަދި، ކެނަބިސް ބޭނުންކުރުމުގެ ކުށް ސާބިތުވެ އިތުރު ތިން އަހަރުގެ ހުކުމެއް ވެސް ވަނީ އިއްވައިފައެވެ.