ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ފެނިގެން ދައުލަތުގެ މީޑިއާ، ޓީވީއެމްގެ މަޝްހޫރު ޕްރެޒެންޓަރު އިނާޔަތު އަލީއާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ތިން މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މާލެއިން ކަމަށެވެ.
މި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެދަށުންނެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމްކަމަށް ވެސް ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
- މާލެ މއ. މަޒާގެ، މުޙައްމަދު އައިޝް އަޙްމަދު (31އ)
- މާލެ / މއ. މަޒާގެ، އާމިނަތު އިލްޔީން އަޙްމަދު (25އ)
- ހދ. ކުޅުދުއްފުށި / މަރިޔާޒް، އިނާޔަތު ޢަލީ.
ކޯޓު އަމުރުން އެނގޭ ގޮތުގައި އިނާޔަތުގެ ގެއިން ވަނީ މަސްތުވާތަކެއްޗާއި ދުންފަތް އެއްކޮށްފައިވާ ބިޑިއެއް ފެނިފައެވެ. އަދި އޭނާގެ އައިޑީ ކާޑު ވެސް ފެނިފައެވެ. މީގެ އިތުރުން އިނާޔަތުގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްކަމަށް އިންވެސްޓިގޭޝަން އޮފިސަރާ ހަވާލާދީ އަމުރުގައި ބަޔާންކޮށްފައިވެއެވެ.
އިލްޔީންގެ ގެއިން ވެސް މަސްތުވާތަކެތި ފެނުނުކަމަށާއި އޭނާގެ ކުޑަކަމުދާތަކެތި ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްކަމަށް އަމުރުގައިވެއެވެ.
އައިޝްގެ ގެއިން 1246 ގްރާމްގެ މަސްތުވާތަކެތި ހޯދިކަމަށް އަމުރުގައިވެއެވެ. ނަމަވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްކަމެއް ނުވަތަ ނޫންކަމަކަށް ބަޔާންކޮށްފައި ނެތެވެ.
މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އައިޝް އަޙްމަދު 10 ދުވަހަށް އަދި އާމިނަތު އިލްޔީން އަޙްމަދާއި އިނާޔަތު ޢަލީ ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ފާހަަގަކޮށްލެވޭ ގޮތުގައި އިނާޔަތަކީ މިހާރު ދައުލަތުގެ މީޑިއާގައި މަސައްކަތްކުރާ އެންމެ ސީނިއާ އެއް ޕްރެޒެންޓަރެވެ. އޭނާ ގެންދިޔައީ ދިވެހިރާއްޖޭގެ އަޑުގައި ވެސް ޕްރޮގްރާމްތައް އުފައްދައި ގެނެސްދެމުންނެވެ.
ޕްރެޒެންޓިންގެ ތެރެއިން ސަރުކާރުގެ އެކި ހަފްލާތައް ވެސް އިނާޔާ ހުށަހަޅައިދެމުން އައިއިރު މިފަހުން އޭނާވަނީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ވެރައިޓީ ޝޯކަމަށްވާ ހެއްޔަމްބޯ ވެސް ހުށަހަޅަން ފަށައިފައެވެ.