ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލްގެ އަންހެން ސޭޓަކަށް މިއަދު ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ކުރިން މައުލޫމާތު ދިން ގޮތުގައި، އެ މައްސަލައިގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 12:45 ހާއިރެވެ.
ކަރަށް ތޫނު އެއްޗަކުން ލިބުނު ހަމަލައާ ގުޅިގެން، ނޭޕާލަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާގެ ހާލު ރަނގަޅުކަމަށާއި ސީރިއަސް އަނިޔާއެއް ނުވާ ކަމަށް، ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.
މި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނީ، އަންހެން މީހާގެ ކަރަށް ވަޅިން ހަމަލާދިން މައްސަލައިގައި ބަންގްލަދޭޝްއަށް ނިސްބަތްވާ، އުމުރުން 25 އަހަރުގެ ޖަހަންގިރު މިއާ މިއަދު ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ އަންހެން މީހާއަށް ހަމަލަ ދިނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އޯސީސީ ފިހާރައިގައި މަސައްކަތް ކުރަނިކޮށެވެ.
ފުލުހުން ބުނީ، ޖަހަންގިރު ހައްޔަރުކުރީ ސީސީޓީވީ ފުޓޭޖު ބަލައިގެންނާއި އެހެނިހެން ގޮތްގޮތުން ތަހްގީގުގެ ތެރެއިން ކުރެވުނު މަސައްކަތުން އޭނާ ދެނެގަނެ ހޯދުމަށްފަހު ކަމަށެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މި މަހާއި މިދިޔަ މަހު ވެސް މިފަދަ ހާދިސާތަކެއް ހިނގާފައި އެބަހުއްޓެވެ. އެގޮތުން، މީގެ ދެހަފުތާއެއް ކުރިން މާލޭ، މަޖީދީ މަގުގައި ވަނީ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފައެވެ. އޭގެކުރިން، މިދިޔަ މަހު ފަހުކޮޅު ސޯސަންމަގުގައި މީހަކަށް ހަމަލާދީ ޒަޚަމުކޮށްލިއެވެ.