މަސްތުވާތަކެތި ގަތީ ނަފުސާނީ ބައްޔެއް ކަމަށްވާ ޑިޕްރެޝަން ހުރުމުން ކަމަށާއި ނަމަވެސް ފުލުހުން ހުއްޓުވުމުން، އެ ތަކެތި ބޭނުންނުކުރެވުނު ކަމަށް ކްރިމިނަލް ކޯޓުގައި ޒުވާނަކު ބުނެފިއެވެ.
ކްރިމިނަލް ކޯޓުގެ މިއަދުގެ ބަންދު މަޖިލީހަށް، މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމުގެ ތުހުމަތުގައި 21 އަހަރުގެ ފިރިހެނަކު ވަނީ ހާޒިރުކޮށްފައެވެ.
އެ މީހާ ކޯޓުގައި ބުނީ، އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ނޫން ކަމަށެވެ. ނަމަވެސް ފުލުހުން އޭނާ ހައްޔަރުކުރި ދުވަހު މަސްތުވާތަކެތި ގަނެގެން ދިޔައީ ޑިޕްރެޝަނާ ގުޅިގެން ކަމަށް އޭނާ ބުންޏެވެ.
އެހެންނަމަވެސް، އެ ތަކެތި ބޭނުން ނުކުރެވެނީސް ފުލުހުން އޭނާ ހުއްޓުވި ކަމަށް އެ ޒުވާނާ ކޯޓުގައި ބުންޏެވެ.
އޭނާގެ ކޯޓު އަމުރުގައި ވަނީ އޭނާގެ ކުޑަކަމުދާއެއްޗެހި މަސްތުވާއެއްޗެއްސަށް ނެގެޓިވްކަން ފާހަގަކޮށްފައެވެ.
ކްރިމިނަލް ކޯޓުން ނިންމީ އޭނާއަށް ޝަރުތު ކުރުމަށް ފަހު ދޫކޮށްލުމަށެވެ. އެއީ އޭނާ ތުހުމަތު ކުށް ކުރި ކަމަށް ހެކި ހުރި ނަމަވެސް އޭނާގެ ކުށުގެ އެއްވެސް ރެކޯޑެއް ނެތުމުންނާއި އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ކަމަށް އަމުރުގައިވެއެވެ.
އޭނާގެ މައްޗަށް ކުރި ޝަރުތުތަކުގެ ތަފުސީލު އެ އަމުރުގައި ހާމަކޮށްފައިނުވެއެވެ.
ރާއްޖޭގައި ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން އިތުރުވަމުން އަންނައިރު، ޑަބްލިޔުއެޗްއޯއިން 2022ވަނަ އަހަރު ހެދި ސްޓެޕްސް ރިސާޗު އޮން ރިސްކް ފެކްޓާސް ފޯ ނޮން-ކޮމިއުނިކެބްލް ޑިސީސްގެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގައި ގާތްގަނޑަކަށް ކޮންމެ ފަސް މީހަކުން އެކަކަކީ ޑިޕްރެޝަންގެ އުނދަގޫ އިހުސާސްކުރެވިފައިވާ މީހެކެވެ.
ރާއްޖޭގެ އެންމެ ބޮޑު އިޖުތިމާއީ އެއް މައްސަލައަކީ މަސްތުވާތަކެތި ބޭނުންކުރުން ކަމަށްވާއިރު، މަސްތުވާތަކެއްޗާ ގުޅުންހުރި 1،451 މައްސަލަ މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވެއެވެ.