އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގު އަޅުވާފައި މީހަކު ދޫކޮށްނުލާތާ ދެ މަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
މިދިޔަ މެއި 28ގައި، ޓެގު އަޅުވާފައި މީހުން ދޫކުރަން ފެށީ ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ގެނައުމަށެވެ. އެ ނިޒާމުގެ ތެރެއިން ދޫކުރާ މީހުންގެ ވަނަވަރު ކްރިމިނަލް ކޯޓުން ހާމަކުރެއެވެ.
އެކޯޓުގެ ވެބްސައިޓުން އެނގޭ ގޮތުގައި، އެންމެ ފަހުން މީހަކު ދޫކޮށްލީ މިދިޔަ ޖުލައި މަހެވެ. އެމަހުގެ 17ގައި ދޫކޮށްލީ އެމީހާ އެކަންޏެވެ. ޖުލައި މަހު އިތުރު މީހަކު ދޫކޮށްފައެއް ނުވެއެވެ.

މީހެއްގެ ފައިގައި މީގެ ކުރިން ޓެގް އަޅުވާފައި: ޓެގު އަޅުވާފައި މީހަކު ދޫކޮށް ނުލާތާ ދެ މަސްވެއްޖެ -- ފޮޓޯ/ ފުލުހުން
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)ގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، ޖުލައި މަހުގެ ފަހުން އިތުރު މީހަކު ޓެގު އަޅުވާފައި ދޫކޮށްފައިނުވާ ކަމަށެވެ. ނަމަވެސް، ނިޒާމުގެ ތެރެއިން ޓެގު އަޅުވާފައި ދޫކުރަން އެދި ހުށަހަޅާ ރިކުއެސްޓުތަކުގެ އެސެސްމަންޓުތައް ހަދަމުން އަންނަކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، މި ނިޒާމުގެ ތެރެއިން މިހާތަނަށް ދޫކޮށްލީ ޖުމުލަ ނުވަ މީހުންނެވެ. އެގޮތުން، މެއި މަހުގެ ތެރޭގައި ހަ މީހަކު ދޫކޮށްލިއިރު، ޖެހިގެން އައި ޖޫން މަހު ވަނީ ދެމީހުން ދޫކޮށްލާފައެވެ. އޭގެފަހުން، ނިމުނު ޖުލައި މަހު ދޫކޮށްލީ އެންމެ މީހެކެވެ.
ޓެގު އަޅުވައި މީހުން 100 ދުވަހަށް ދޫކުރާއިރު، އެމީހުން ދޫކުރަނީ ކޯޓުން ހުށަހަޅާ ޝަރުތުތަކަށް އެއްބަސްވެގެނެވެ.
ޕީޖީ އޮފީހުން ބުނީ، ބަންދަށް ލުއިދެވޭނީ ޓެގް އެޅުވުމުން އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށެވެ. އެ ނޫން މީހުންގެ ބަންދަށް އެ ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަށް ހަމަޖެހިފައިނުވާ ކަމަށް ވެސް ބުންޏެވެ.
އޭގެތެރޭގައި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގައި ބަންދުކޮށްފައިވާ މީހުންނާއި މަރުގެ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންގެ އިތުރަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުން ހިމެނެއެވެ.