ހުޅުމާލޭގައި މިއަދު ތޫނު އެއްޗަކުން ހަމަލާދިނީ، ފިހާރައެއްގައި ހުރި ޒުވާން އަންހެނެއްގެ ކަރަށް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ފުރަތަމަ ބުނި ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ފަހުން ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ފުލުހަށް ލިބުނީ 12:45 ހާއިރެވެ.
އެ މާރާމާރީގައި އަނިޔާވެފައި ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ފިހާރައެއްގައި މަސައްކަތް ކުރަމުން ދިޔަ، ނޭޕާލަށް ނިސްބަތްވާ 21 އަހަރުގެ އަންހެނަކަށް ވެސް އެ މުއައްސަސާއިން ބުންޏެވެ.
މީގެ އިތުރުން، ތޫނު އެއްޗަކުން ދިން ހަމަލާ އަމާޒުކުރީ އަންހެން މީހާގެ ކަރަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާއަށް ފަރުވާ ދެމުން އަންނަ ހުޅުމާލޭ ހޮސްޕިޓަލުން މިހާތަނަށް މައުލޫމާތު ހިއްސާކޮށްފައިނުވާތީ، އަންހެން މީހާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް ނުލިބެއެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މި މަހާއި މިދިޔަ މަހު ވެސް މިފަދަ ހާދިސާތަކެއް ހިނގާފައި އެބަހުއްޓެވެ. އެގޮތުން، މީގެ ދެހަފުތާއެއް ކުރިން މާލޭ، މަޖީދީ މަގުގައި ވަނީ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފައެވެ. އޭގެކުރިން، މިދިޔަ މަހު ފަހުކޮޅު ސޯސަންމަގުގައި މީހަކަށް ހަމަލާދީ ޒަޚަމުކޮށްލިއެވެ.