ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުޙައްމަދަށް އެކަނި ބޮޑެތި ވައްކަންތަކެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، އެކަމުގައި ޝާމިލުވާ އެންމެންނާ މެދު އިންސާފުވެރި ތަހުގީގެއް ހިންގުމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އާދަމް ޝަރީފް އުމަރު މިއަދު ގޮވާލައްވައިފިއެވެ.
މިނިސްޓަރު އެފަދައިން ގޮވާލައްވާފައި ވަނީ، 2021 ވަނަ އަހަރުން 2023ގެ ނިޔަލަށް އެމްޑީޕީގެ ވެރިކަމުގައި ފެނަކަ މެދުވެރިކޮށް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ އެތައް މައްސަލައެއް ހިމެނޭ އޮޑިޓު ރިޕޯޓެއް އާންމުކޮށްފައި ވަނިކޮށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ހިންގި ފެނަކައާއި ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް އޭރު ގެނެސްދެއްވި ކަމަށެވެ.

ކުރީގެ ރައީސް ޞާލިޙާއި އެ ދައުރުގައި ފެނަކައިގެ އެމްޑީ ސައީދު: އާދަމް ޝަރީފް ވިދާޅުވީ، ފެނަކަ ސައީދަށް އެކަނި ބޮޑެތި ވައްކަންތަކެއް ނުކުރެވޭނެ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް
ވެރިކަން ކުރާ އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ މެންބަރުކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވީ، އޭރު މަޖިލީހުންނާއި މިނިވަން މުއައްސަސާތަކުން ވެސް އެ މައްސަލައާ މެދު އަޅައެއް ނުލި ކަމަށެވެ.
އޭނާ ވިދާޅުވީ ސައީދަށް އެކަނި ''މިވަރުގެ ބޮޑެތި ވައްކަންތަކެއް'' ނުހިންގޭނެ ކަމަށާއި ވަރަށް ގިނަ މީހުންނަށް 'ބައި އެޅި'ކަން މިހާރު ފަޅާއަރަމުން އަންނަކަމަށެވެ.
އެގޮތުން، ދައުލަތުގެ ޒިންމާއަކަށް ވާން ޖެހޭނީ ހަމައެކަނި އެންމެ މީހަކަށް ގާނޫނު ހިންގުމުގެ ބަދަލުގައި މުޅި މައްސަލައިގެ އެންމެ އަޑިއަށް ފީނައި، މިކަމުގައި ޝާމިލުވާ އެންމެންނާ މެދު އިންސާފުވެރި ތަހުގީގެއް ހިންގުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އެކަމުގައި ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދޭން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާ ދުވަހު އަޅާނުލައި ތިބި މައްސަލަތަކަށް ޖަވާބުދާރީ ކުރުވަން ޖެހޭ. މި ގައުމު ސަލާމަތް ކުރެވޭނީ ކޮރަޕްޝަން މުލުން ލުހެލައިގެންލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
އާދަމް ޝަރީފް 2023 ވަނަ އަހަރުގެ އޭޕްރިލް 11ގައި މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، ފެނަކައިގެ ދަރަނި ބޮޑުވާން ޖެހުނު ސަބަބުތަކާއި އެ ކަންކަމަށް ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަތުމަށްޓަކައި ފެނަކައިގެ މެނޭޓްމަންޓާއި ފައިނޭންޝަލް އޮޑިޓެއް ހެދުމަށް ގޮވާލާފައިވެއެވެ. އަދި ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި ކުންފުނި ބަނގުރޫޓު ވިޔަނުދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ވެސް ސަރުކާރަށް ގޮވާލައިފައިވެއެވެ.
އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކުރީ މައްސަލައަށް ބަހުސް ކުރަން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެންބަރުންގެ ތެރެއިން 18 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 15 މެމްބަރުންނެވެ.
އެ ދުވަހު މަޖިލީހަށް ހާޒިރުވީ ޕީއެންސީއާ ކޯލިޝަން ހަދައިފައި އޮތް ޕީޕީއެމްގެ އެންމެ މެންބަރެކެވެ. އެ ޕާޓީގެ ހުރިހާ މެންބަރުން ހާޒިރުވެ، ވޯޓު ދިން ނަމަ އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަންނަން ފާސްވީސްކަން ފާހަގަކުރެވެއެވެ.
ފެނަކައިގެ އޮޑިޓުން ވަނީ އެ ކުންފުނިން ދެ ހާސް މިލިއަން ރުފިޔާގެ ވައްކަމާއި ޚިޔާނާތް ކުރިކަން ހާމަވެފައެވެ.
އޭގެކުރިން، އެ ސަރުކާރުގައި ވަނީ ކޮވިޑް-19ގެ ދުވަސްވަރު ދުބާއީ ކުންފުންޏަކަށް ފައިސާ ދެއްކި ނަމަވެސް އޯޑަރުކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައެއް ވެސް ހިނގިއެވެ.
އެގޮތުން، ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާއާއި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލާ އެކު ޖުމުލަ 32.5 މިލިއަން ރުފިޔާއަށްވާ 2.1 މިލިއަން ޑޮލަރުގެ އިތުރުން އިންޓްރެސްޓާއި އާބިޓްރޭޝަންގެ ޚަރަދުތައް ހޯދަން ދިވެހި ސަރުކާރުން ވަނީ އެދިފައެވެ.
އާބިޓްރޭޝަނުން މިދިޔަ އަހަރުގެ ފެބްރުއަރީގައި ނިންމީ، ވެންޓިލޭޓަރުތަކުގެ އަގަށްވާ 1.8 މިލިއަން ޑޮލަރާއި އެ ފައިސާ ދެއްކުމާ ހަމައަށް އިންޓްރެސްޓުގެ ގޮތުގައި އަހަރަކު ދެ އިންސައްތަ ދައްކަން ވަނީ އަންގައިފައެވެ. އެހެންވެ، އެ ކުންފުނިން ދައްކަން ޖެހޭ ޖުމްލަ ފައިސާގެ އަދަދު 34.5 މިލިއަނަށް އަރާނެއެވެ.
ފެނަކައިގެ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ސައީދަށް ކޮރަޕްޝަނުގެ ދައުވާތައްކޮށް، ބައެއް މައްސަލަތައް ޝަރީއަތުގައި ދަނީ ހިންގަމުންނެވެ.
އޭގެފަހުން ރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރު ފެށުމާއެކު އެސެޓް ރިކަވަރީ ބިލު ސަރުކާރުން ހުށަަހަޅައި، އެ ބިލު ގާނޫނަކަށް ވުމާއެކު ވައްކަންކޮށްފައި ތިބި އެންމެންގެ ފަހަތުން ސަރުކާރުގެ އިދާރާތައް ބާރަށް ދާނެކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެސެޓް ރިކަވަރީ ބިލެއް ހުށަހެޅުއްވުމުގެ މަޤްޞަދަކީ، މިދިޔަ ދުވަސްތަކުގައި ޤައުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމެވެ. އަދި އެ ކަން ނިމޭއިރު، އެ ވައްކަންތަކުގައި ޝާމިލުވާ ފަރާތްތަކުގެ އަތުން ބަދަލު ނެގޭނެ ގޮތެއް ނެތުމުން، އެކަން ބަދަލުކުރެއްވުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.