ބޮލީވުޑްގެ މަގުބޫލު ޑައިރެކްޓަރު ލަވް ރަންޖަންއާ އެކު މީގެ ކުރިންވެސް މަސައްކަތްކޮށްފައިވާ އެކްޓަރު ކާތިކް އާރްޔަންއަށް ލަވްގެ އިތުރު ފިލްމަކުން ފުރުސަތު ލިބިއްޖެއެވެ.
ލަވްގެ ފިލްމު "ޕިޔާރު ކާ ޕަންޗްނާމާ"އިން ބޮޑު މަގުބޫލުކަމެއް ހޯދުމަށްފަހު ދެ މީހުން އެކީގައި މަސައްކަތް ކުރަން ނިންމާފައިވާ އާ ފިލްމަކީ ވެސް ރޮމޭންޓިކް ކޮމެޑީއެއް ކަމަށާއި އެ ފިލްމުގެ މަސައްކަތް އަންނަ އަހަރުގެތެރޭ ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ޑައިރެކްޓަރު ލަވް ރަންޖަންއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ފިލްމުގެ ކާސްޓުން އަދި ފިލްމުގެ ޕްލޮޓާބެހޭ އިތުރު ތަފުސީލު ހާމަކޮށްފައެއް ނުވެއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން މި ފިލްމާ ގުޅޭގޮތުން ވަރަށް ސީރިއަސް މަޝްވަރާތަކެއް ލަވް ރަންޖަން އާއި ކާތިކާ ދެމެދު ވަނީ ކުރެވިފައެވެ.

ފިލްމު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ"ގެ ތަރިން--ފޮޓޯ/ޕިންކްވިލާ
ކާތިކް ހިމަނައިގެން ފިލްމެއް އުފެއްދުމުގެ މަޝްވަރާތަކަށް ނިމުމެއް އައިސްފައި މިވަނީ އެކްޓަރު ގަޔާވާ ކަހަލަ ސްކްރިޕްޓަކާ ދިމާވުމުން ކަމަށާއި މިއީ ކުރީން ލަވްއާ އެކު ގެނެސްދިން ކަހަލަ ވަރަށް އެންޓަޓެއިންނިން ފިލްމަކަށްވާނެ ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.
މި ފިލްމަކީ ލަވް ރަންޖަން އާއި ކާތިކް އެކީގައި މަސައްކަތް ކުރާނެ ފަސް ވަނަ ފިލްމެވެ. ކާތިކްއާ އެކު ލަވް ގެނެސްދީފައިވާ ކާމިޔާބު ފިލްމުތަކުގެތެރޭ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ"، "އާކާޝް ވާނީ" އަދި "ޕިޔާރު ކާ ޕަންޗްނާމާ 2" ހިމެނެއެވެ.
ލަވްއާ އެކު ކާތިކް އެންމެފަހުން މަސައްކަތް ކުރި ފިލްމަކީ ރަންބީރު ކަޕޫރު އަދި ޝްރައްދާ ކަޕޫރު ލީޑް ރޯލް ކުޅުނު ފިލްމު "ތޫ ޖޫޓީ މޭ މައްކާރު"އެވެ. އެ ފިލްމުގައި ކާތިކް ފެނިފައި ވަނީ ކެމިއޯ ރޯލަކުންނެވެ.
ބޮލީވުޑްގެ އެންމެ މަގުބޫލު ފިލްމީ ތަރިންގެތެރޭ ހިމެނޭ ކާތިކްގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެ ތެރޭ ދަރުމާ ޕްރޮޑަކްޝަންގެ ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އާއި "ނާގްޒިއްލާ"ގެ އިތުރުން ޑައިރެކްޓަރު އަނޫރާގް ބާސޫ ނަން އަދި ހާމަ ނުކުރާ އަސަރު ގަދަ ލޯބީގެ ފިލްމެއް ހިމެނެއެވެ.