ފިލިޕީންސްގައި ކިޔަވަން ހުރި ދިވެހި ދަރިވަރަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި މަރުވީ ފިލިޕީންސްގައި ޑޮކްޓަރުކަން ކިޔަވަން ހުރި ދިވެހި ފިރިހެނެކެވެ. އެކަމަކު، އޭނާއާ ގުޅޭ އެއްވެސް ތަފުސީލެއް ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި އެއީ ނ. ހޮޅުދުއަށް ނިސްބަތްވާ މުހައްމަދު ހުމައިދު (30އ)އެވެ.
އެ ގައުމުގައި ކިޔަވާ ދަރިވަރަކު 'ސަން'އަށް ބުނީ، މަރުވެފައި އޮއްވާ ފެނުނީ ޑޮކްޓަރުކަން ކިޔަވަން ހުރި ފިރިހެނެއް ކަމަށާއި އޭނާގެ ހަށިގަނޑު ފެނުނީ ކޮޓަރީގައި އުޅޭ ރޫމްމޭޓަށް ކަމަށެވެ. އެއީ، ހަތަރުވަނަ އަހަރު ކިޔަވަމުން އަންނަ ދަރިވަރެކެވެ.
އެނގިފައިވާ ގޮތުގައި އެ ގައުމުގެ ފުލުހުން އަންނަނީ މި މައްސަލަ ބަލަމުންނެވެ.
"މިއަދު މާލެ އަންނަން އޮތް ކުއްޖެއް ކަމަށް ބުނަނީ. އެކަމަކު، ވީ ކިހިނެއް ކަމެއް ސާފެއް ނޫން،" އެ ގައުމުގައި ހުރި ދިވެއްސަކު ކިޔައިދިނެވެ.
މި ކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.