ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުގެ ފިލްމެއް ކަމަށް ބުނެ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ޓްރެއިލާއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނާތީ، އެއީ ސްކޭމްއެއް ކަމަށް އެކްޓަރު ބުނެފިއެވެ.
އެކަން އެކްސްގައި ދޮގުކުރަމުން އަކްޝޭ ބުނެފައިވަނީ 'މަހާރިޝީ ވަލްމިކީ' ކެރެކްޓާގެ ނަމުގައި އަކްޝޭ އުޅޭ ކަމަށް ބުނެ އޭއައި ޖެނެރޭޓްކޮށް އުފައްދާފައިވާ ފިލްމެއްގެ ޓްރެއިލާއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ ޓްރެއިލާގައި އަކްޝޭ ކުޅޭ ކެރެކްޓާ ކަމަށް ބުނެ، ދައްކުވައިދޭ މަންޒަރުތަކަކީ ހަގީގަތުގައި އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ކެރެކްޓާއެއް ކަމަށާއި އެއީ އަކްޝޭއާ އެއްވެސް ގުޅުމެއް ނެތް ވީޑިއޯއެއް ކަމަށް އެކްޓަރު ވަނީ އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައެވެ.

ސްކޭމް ޓްރެއިލާއެއް ދައުރުވަމުން އަންނާތީ އަކްޝޭ އެކްސްގައި ކުރޮ ޕޯސްޓު--ފޮޓޯ/ބޮލީވުޑްހަންގާމާ
އެފަދަ ޚަބަރުތައް ބައެއް ނޫސްތަކުންނާއި ޓީވީ ޗެނަލްތަކުން ތާޒާ ޚަބަރުގެ ގޮތުގައި ދައްކަމުން އަންނާތީ އެކަމާ ހިތާމަކުރާ ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.
އެފަދަ ކޮންޓެންޓްތައް ނޫސްތަކުގައި ޝާއިއުކޮށް ޗެނަލްތަކުން ދެއްކުމުގެ ކުރިން އެ މައުލޫމާތަކީ ތެދު މައުލޫމާތުތަކެއްތޯ މީޑިއާތަކުން ކަށަވަރުނުކުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށް އިންޑިއާގެ އެންމެ މަގުބޫލު ފިލްމީ ތަރިންގެ ތެރޭ ހިމެނޭ އެކްޓަރު ވަނީ ބުނެފައެވެ.
ޓެކްނޮލޮޖީ ކުރިއަރާފައިވާ ޒަމާނެއްގައި އަދި ޚާއްސަކޮށް އޭއައި ބޭނުންކޮށްގެން އެކި ކަހަލަ ސްކޭމްތައް ހިންގަމުން އަންނަ ދުވަސްވަރެއްގައި ސޯޝަލް މީޑިއާތަކުން ފެންނަ އެފަދަ ކޮންޓެންޓްތަކުގެ ތެދު ދޮގު އޮޅުން ފިލުވުމަކީ މީޑިއާތަކުގެ ޒިންމާއެއް ކަމަށާއި އެގޮތަށް އަމަލު ކުރުމަށް އަކްޝޭ ވަނީ މީޑިއާތަކަށް ގޮވާލާފައެވެ.
އަކްޝޭގެ ސްކޭމް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު މީގެ ކުރިން ވެސް އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިން ވަނީ އޭއައި މެދުވެރިކޮށް އުފައްދާ އެފަދަ ކޮންޓެންޓްތަކުގެ ޝިކާރައަކަށްވެފައެވެ. އޭގެ ތެރޭގައި ބަތަލާ ރަޝްމިކާ، އާލިއާ ބަޓް، އައިޝްވާރިޔާ ރާއީ އަދި އަބިޝޭކް ބައްޗަން ފަދަ ތަރިން ހިމެނެއެވެ.