ތިން މަހުގެ ސަސްޕެންޝަން އުވުމުން، ތިނަދޫ މޭޔަރަށް ރަތް ދޫލައިގެ މަރުހަބާއެއް

ތިނަދޫ މޭޔަރުގެ ސަސްޕެންޝަން އުވި، ކައުންސިލަށް ވަޑައިގެންނެވުމުން މަރުހަބާ ކިޔަނީ ---- ފޮޓޯ/ ތިނަދޫ ސިޓީ ކައުންސިލް

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ތިން މަސް ދުވަހަށް ކުރި ސަސްޕެންޝަން އުވި، މިއަދު މަސައްކަތަށް ނުކުމެވަޑައިގެންފިއެވެ.

އެލްޖީއޭއިން މައްސަލަތަކެއް ބެލުމަށް މުސާރަ ނުލިބޭ ގޮތަށް ސައުދާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑުކުރީ މިދިޔަ ޖޫން މަހުގެ 25ގައެވެ.

ސައުދު ސަސްޕެންޑުކުރީ ތިން މަހަށް ކަމަށްވާއިރު، ނަސްރުﷲ ސަސްޕެންޑުކުރީ، އެއް މަހަށެވެ.

އޭގެފަހުން، ސައުދުގެ ސަސްޕެންޝަންގެ މުއްދަތު ހަމަވެ، މިއަދު ވަނީ އެނބުރި މަސައްކަތަށް ނުކުމެވަޑައިގެންފައެވެ.

ތިން މަހުގެ ސަސްޕެންޝަނުގައި ހުރުމަށް ފަހު ތިނަދޫ މޭޔަރު އެނބުރި ކައުންސިލަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ ---- ފޮޓޯ/ ތިނަދޫ ސިޓީ ކައުންސިލް

ސައުދު 'ސަން'އަށް ވިދާޅުވީ، އެއީ ގާނޫނާ ޚިލާފަށް ކުރި ސަސްޕެންޝަނެއް ކަމަށެވެ. އެގޮތުން، މިއަދު މަސައްކަތަށް ނުކުމެ ވަޑައިގެން ރަށުގެ ތަރައްގީއަށްޓަކައި މަސައްކަތްތައް ކުރައްވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

ސައުދު މިއަދު މަސައްކަތަށް ވަޑައިގެންނެވިއިރު، ތިނަދޫ ސިޓީ ކައުންސިލުން ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައެވެ.

ސައުދާއި ނަސްރުﷲގެ ސަސްޕެންޝަންގެ މައްސަލަ ވަނީ ސިވިލް ކޯޓަށް ވެސް ހުށަހަޅާފައެވެ.

https://sun.mv/208253

އެބޭފުޅުން ސަސްޕެންޑުކޮށް އޭރު އެލްޖީއޭއިން ބުނީ، ތިނަދޫ ސިޓީ ކައުންސިލުން އެ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާ ކަމަށެވެ.

ސަސްޕެންޝަނަށް ފަހު އެނބުރި އައުމުން ތިނަދޫ މޭޔަރަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފުލާގެ ތެރެއިން ---- ފޮޓޯ/ ތިނަދޫ ސިޓީ ކައުންސިލް

ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ކައުންސިލްގެ މިންގަނޑާ ޚިލާފަށް މޭޔަރާއި މެންބަރުން ޢަމަލުކުރާކަމަށް ބުނެ އާންމުން ދައުލަތުގެ އެކި އިދާރާތަކަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭރު އެލްޖީއޭއިން ބުންޏެވެ.

އެލްޖީއޭއިން އެ ބޭފުޅުން ސަސްޕެންޑުކުރީ 19 ކަމެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އިންކުއަރީއަކާ ގުޅިގެންނެވެ. އެގޮތުން، ދައުލަތުގެ އިދާރާތަކުން ތިނަދޫ ސިޓީ ކައުންސިލަށް ފޮނުވާ ސިޓީތަކަށް ޖަވާބުދާރީނުވެ ފޮނުވާލާ މައްސަލައާއި ރަށްވެހިކަން ބަދަލު ކުރުމަށް ހުށަހެޅުމުން 5000 ރުފިޔާގެ ފީއެއް ނެގުމާއި އެ ފީ ނުނެގުމަށް އެލްޖީއޭއިން އެންގި އެންގުމަށް އަމަލުނުކުރުމާއި އަތޮޅު ކައުންސިލުންނާއި ސަރުކާރުގެ އެހެން އިދާރާތަކުން އެދޭ މައުލޫމާތު ނުފޮނުވާ މައްސަލަ ހިމެނެއެވެ.

comment ކޮމެންޓް