ތިނަދޫގައި އިތުރު 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށައިފި

ތިނަދޫގައި ހައުސިން ޔުނިޓްތައް އަޅަން ފެށުން: އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރުން ނިންމާ ގޮތަށް -- ފޮޓޯ/ ހައުސިން މިނިސްޓްރީ

ތިނަދޫ ސިޓީގައި އިތުރު 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ތިނަދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ފައްޓަވައިދެއްވައިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހިންގާ އެ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑެވެ. އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ތިން ކޮޓަރީގެ 50 ހައުސިން ޔުނިޓެވެ.

އެ މަޝްރޫއުގެ މަސައްކަތުގެ މުއްދަތަކީ 450 ދުވަސް ނުވަތަ އެއް އަހަރާއި ތިން މަހެވެ.

ތިނަދޫގައި މިހާރު ވެސް 200 ހައުސިން ޔުނިޓެއް އިމާރާތްކޮށް މިހާތަނަށް ހަވާލުނުކުރެވި ހުރިއިރު، އެ ޔުނިޓްތަކަށް ކުރިމަތިލުމަށް މިދިޔަ އަހަރު ހުޅުވާލިއެވެ. އެ ފުރުސަތުގައި ޖުމްލަ 1022 މީހުން އެޕްލިކޭޝަން ހުށަހަޅައިފައިވާ ކަމަށާއި އެ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ، އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ނިމުމުން، ހައުސިން ޔުނިޓްތައް ލިބޭ މީހުން ކަނޑައަޅައި، އެކަން މިނިސްޓްރީން އާންމުކޮށް އިއުލާން ކުރާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، ތިނަދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފައެވެ. އެ މަސައްކަތް ކުރަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ނެވެ.

އެ މަޝްރޫއުގެ ދަށުން ތިނަދޫގެ 50 މަގު، ނުވަތަ 19.3 ކިލޯމީޓަރުގައި ތާރު އެޅުމާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެކަން މިނިސްޓްރީން ފާހަގަކުރިއެވެ.

https://www.sun.mv/210960

ތިނަދޫގެ 200 ރޯހައުސް އިމާރާތްކުރަން ފެށީ މިދިޔަ ސަރުކާރުގައި 2022 ވަނަ އަހަރެވެ. އެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން މިދިޔަ އަހަރުގެ ޖަނަވަރީ 28ގައި ތިނަދޫ ކައުންސިލުން ހުޅުވާލައިފައެވެ. އެކަމަކު، އެއީ ހުއްދަ ނުނަގާ ކުރި އިއުލާނެއް ކަމަށް ބުނެ، މިނިސްޓްރީން އެ އިއުލާން ބާތިލުކުރިއެވެ.

އެއަށްފަހު، އެ ޔުނިޓްތަކަށް ކުރިމަތިލާން މިނިސްޓްރީން ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު މަހެވެ.

comment ކޮމެންޓް