ފުލިދޫ ގޮނޑުދޮށުން ކަޅުތެޔޮ އެއްކޮށްހެން ސާފުކޮށްފި, މިހާރު މޫދަށް އެރެވޭ

ފުލިދޫގެ ގޮނޑުދޮށުގައި ޓޫރިސްޓުންތަކެއް: އެރަށު ގޮނޑުދޮށަށް ލެއްގި ކަޅުތެޔޮތައް އެއްކޮށްހެން ވަނީ ސާފުކޮށް ނިމިފައި --- ފޮޓޯ/ ހައިޑާ ސީ ޓްރެވަލްސް

ވ. ފުލިދޫގެ ހިތްގައިމު ގޮނޑުދޮށަށް އިއްޔެ ލެއްގި ކަޅުތެޔޮތައް އެއްކޮށްހެން ސާފުކޮށްނިމިފައިވާ ކަމަށް އެރަށު ކައުންސިލުން މިއަދު ބުނެފިއެވެ.

ލޯކަލް ޓުއަރިޒަމަށް މަޝްހޫރު ފުލިދޫގެ ރީތި ގޮނޑުދޮށް ކަޅު ތެލުން ތަޣައްޔަރުވެފައިވާކަން އެނގުނީ އިއްޔެ ހެނދުނެވެ. އެއީ އެ ރަށުގެ އާއްމުންނާއި ރަށަށް ޗުއްޓީއަށް ގޮސްތިބި ސަތޭކައަށް ވުރެން ގިނަ ޓޫރިސްޓުންގެ ކަންބޮޑުވުމެކެވެ.

އިތުރު މައުލޫމާތު 'ސަން'އާ ހިއްސާކުރައްވައި ފުލިދޫ ކައުންސިލުގެ ރައީސް މުޙައްމަދު އިމްތިޔާޒު މިއަދު ވިދާޅުވީ، އެ ތެޔޮތައް އެއްކޮށްހެން ސާފުކޮށްނިމި، ރަށުގެ ގޮނޑުދޮށް ގާތްގަނޑަކަށް އާންމު ހާލަތަށް ބަދަލުވެފައިވާ ކަމަށެވެ.

އެގޮތުން، ތެޔޮތައް މިހާރު ހުރީ ވަރަށް ކުޑަކޮށް ކަމަށާއި ސާފުކުރުމުގެ މަސައްކަތުގައި އެމްޓީސީސީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

ފުލިދޫ ގޮނޑުދޮށަށް އިއްޔެ ކަޅުތެޔޮ ލައްގައިފައި-- ފޮޓޯ: ރަފްހާން އަޙްމަދު

އެ ސަރަހައްދަށް މިހާރު މޫދަށް އެރެވޭއިރު، އެމްއެންޑީއެފާ ހަވާލާދީ އިމްތިޔާޒު ވިދާޅުވީ، އެ ތެޔޮތައް ލެއްގީ ރާއްޖޭން ބޭރުގެ ބޯޓެއްގެ ބިލްޖު ކަނޑަށް ސާފުކުރުމުން ކަމަށެވެ.

އެމްއެންޑީއެފުން ވަނީ، ފުލިދޫގެ ފަޅާއި ގޮނޑުދޮށަށް ވަރަށް ބޮޑަށް ކަޅު ތެޔޮ ފެތުރިފައި ވާތީ އެ ސަރަހައްދުގެ ކަނޑަށް އިތުރަށް ކަޅު ތެޔޮ އެޅިފައިވޭތޯ ބަލާފައެވެ.

ބޮޑު ސަރަހައްދެއްގައި ހުރި ތެޔޮތައް ސާފުކުރީ އެމްޓީސީސީ އެކްސްކެވޭޓަރެއް ބޭނުންކޮށްގެން ކަމަށާއި އެކްސްކެވޭޓަރު ނުވަންނަ ސަރަހައްދު ސާފުކުރީ އަތުން ކަހައިގެން ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.

"މިހާރު ދެން ހަމަ ނޯމަލްއޭ ދެންނެވިއަސް ރަނގަޅުވާނެ. އިތުރު މައްސަލައެއް ނެތް" އޭނާ ވިދާޅުވިއެވެ.

ހަތަރު ސަތޭކައެއްހާ މީހުން ދިރިއުޅޭ ފުލިދޫގައި މި ހާދިސާ ހިނގިއިރު ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް ތިއްބެވެ. ބައެއް ފަހަރު މިފަދަ ހާދިސާތައް ހިނގައި، ރަށްރަށުގެ ވެއްޓަށާއި ކަނޑުގެ ދިރުންތަކަށް ވަރަށް ބޮޑެތި ގެއްލުން ވެފައި ވެސް އެބަހުއްޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް