ލޯކަލް ޓޫރިޒަމްއަށް މަޝްހޫރު ވ. ފުލިދޫގެ ހިތްގައިމު ގޮނޑުދޮށަށް ލެއްގި ކަޅޮތެލުގެ ބޮޑުބައި، މިހާރު ސާފުކޮށްފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
އެ ރަށުގެ ގޮނޑުދޮށާއި، ފަޅުން ކަޅުތެޔޮ ފެނުނީ މިއަދު ހެނދުނެވެ. މުޅި ގޮނޑުދޮށް އޮތީ ކަޅުވެފައެވެ.
"ސަން" އާ ވަހަކަދައްކަވަމުން އެ ރަށު ކައުންސިލުގެ ރައީސް މުޙައްމަދު އިމްތިޔާޒު ވިދާޅުވީ، ކަޅު ތެޔޮ ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެމްޓީސީސީގެ އެކްސްކެވޭޓަރެއް ބޭނުންކޮށްގެން ރަށުގެ ފާލަމުގެ ހުޅަނގަށް އޮތް ސަރަަހައްދުގެ ވަރަށް ބޮޑުބައި މިހާރު ސާފުކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މަސައްކަތަށް އެމްއެންޑީއެފުގެ އެހީތެރިކަން ވެސް ލިބެމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ރަށުގެ އިރުމަތީ ސަރަހައްދަށް އެކްސްކެވޭޓަރު ގެންދަން ދަތިވުމުން، އެ ސަރަހައްދު ސާފުކުރުމަށް އަދި ދަތިތަކެއް އެބަހުރިކަމަށް ވިދާޅުވިއެވެ.
އެ ރަށުގައި މި ވަގުތު ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ތިބިއިރު، ފަތުރުވެރިން މޫދަށް އެރޭ ސަރަހައްދަށް ކަޅު ތެލުގެ އަސަރުނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
އިމްތިޔާޒު ވިދާޅުވީ، މިއީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް ރަށަށް ލެއްގި ކަޅު ތެލާއެކު ބައެއް ޒާތުގެ ކުނި ވެސް ހުރިކަމަށާއި، ބެލެވެނީ އެއީ ވަރަށް ބޮޑު ބޯޓެއްގެ ބިލްޖު ކަނޑަށް ސާފުކޮށްގެން ލެއްގި ކުންޏާއި، ތެޔޮ ކަމަށް ވިދާޅުވިއެވެ.
މިހާރު އިތުރަށް ތެޔޮ ލައްގަމުން ނުދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާގޮތުން 400 އެއްހާ މީހުން އުޅޭ، ފުލިދޫއަކީ ލޯކަލް ޓޫރިޒަމްއަށް މަގުބޫލު މަންޒިލެކެވެ.
ބައެއް ފަހަރު މިފަދަ ހާދިސާތައް ހިނގައި، ރަށްރަށުގެ ވެއްޓަށާއި ކަނޑުގެ ދިރުންތަކަށް ވަރަށް ބޮޑެތި ގެއްލުން ވެފައި ވެސް އެބަހުއްޓެވެ.