ހުޅަނގު އައްސޭރި ހިފުމުގެ ފުރުސަތު އިސްރާއީލަށް ނުދޭނަން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަރަބި ލީޑަރުންނާ ބައްދަލު ކުރައްވަނީ. ފޮޓޯ/އޭޕީ

ހުޅަނގު އައްސޭރި ހިފުމުގެ ފުރުސަތު އިސްރާއީލަށް ނުދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ އަރަބި ލީޑަރުންނާއެކު އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

ޕޮލިޓިކޯ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓްރަމްޕާއި އޭނާގެ ޓީމުން ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ރާވާފައިވާ ގޮތް ބަޔާންކޮށްފައިވާ ކަރުދާހެއް ހުށަހަޅާފައެވެ. އެ ކަރުދާހުގައި ހަނގުރާމައަށް ފަހު ސަލާމަތީ ކަންކަން ބަލަހައްޓާނެ ގޮތާއި އެހެން ތަފުސީލުތައް ހިމެނެއެވެ.

އދ.ގެ މައި އޮފީހުގައި އަރަބި އަށް ގައުމަކާއެކު ބައްދަލުވުން ބޭއްވުމުގެ ކުރިން ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ބައްދަލުވުމަކީ އެ މަނިކުފާނަށް އެންމެ މުހިންމު އެއް ބައްދަލުވުން ކަމަށެވެ. ނަމަވެސް ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ޓްރަމްޕް ނޫސްވެރިންނާ ބައްދަލުކުރައްވާފައެއްނުވެއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ފޮކްސް ނިއުސް ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ވަނީ މި ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ބައްދަލުވުމާ ގުޅޭ ތަފުސީލެއް ނުދެއްވައެވެ.

އެ ބައްދަލުވުމުގައި އަރަބި ލީޑަރުން ވަނީ އިސްރާއީލާއި ހަމާސްގެ ހަމަލާތައް ނިމުމަކަށް ގެނައުމާއި، ރަހީނުކޮށްފައިވާ ހުރިހާ އެންމެން ދޫކޮށްލުން ކަށަވަރުކޮށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދީ ވަގުތުން ހަނގުރާމަ ހުއްޓާލުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައި ކަމަށް އަލް އަރަބިޔާއިން ރިޕޯޓުކޮށްފައިވެއެވެ.

އަދި ހުޅަނގު އައްސޭރިއާއި ގުދުސްގެ މާތް ތަންތަނުގައި ހަމަޖެހުން ކަށަވަރު ކުރަން ޖެހޭ ކަންވެސް ލީޑަރުން ފާހަގަކޮށްފައިވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިސްކޮށް ހުންނަވައިގެން އިސްރާއީލުގެ ސަރުކާރުން ވަނީ ފަލަސްތީނުގެ ދައުލަތެއް ގާއިމްވުން ހުއްޓުވުމަށް މެދުނުކެނޑި މަސައްކަތްކުރައްވާނެ ކަމަށް ވައުދުވެ، ހިފާފައިވާ ސަރަހައްދުތަކުގެ ކޮންޓްރޯލް ފުޅާކުރާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް