ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާގެ ތިން ވަނަ ފިލްމު އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.
ސޯރަބް ވަރުމާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ނަމަކީ "ދަ ގްރޭޓް ޕަންޖާބީ ރޮބެރީ"އެވެ. ބެލުންތެރިންނަށް މި ފިލްމުގެ ޓީޒާ ވެސް ގެނެސްދީފައިވާއިރު ފިލްމު ރިލީޒްކުރުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 17ގައެވެ.
ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލޯރެންސް ޖޯން ލިޔެފައިވާ ސްކްރީންޕްލޭއަކަށް ތައްޔާރުކުރާ މި ފިލްމުގެ ކާސްޓުގައި ރާޖްއާ އެކު ދެން ކާސްޓުން ފެންނާނީ ޕާޔަލް ރާޖްޕޫތު އަދި ގްރަވިތާއެވެ.

"ދަ ގްރޭޓް ޕަންޖާބީ ރޮބެރީ"ގެ ޕޯސްޓަރެއް--ފޮޓޯ/ފޭސްބުކް
ރާޖް އެންމެ ފުރަތަމަ ބެލުންތެރިންނަށް ފެނިފައި ވަނީ، ބަރަހަނާ ފިލްމުތަކެއް އުފައްދައި އެ ފިލްމުތައް ވިޔަފާރީގެ ގޮތުގައި ބޭނުންކޮށް އާމްދަނީ ހޯދި ކަމުގެ ތުހުމަތުގައި 2021ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޖަލުގައި ބަންދުކުރި ދުވަސްތަކުގެ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމަކުންނެވެ.
"ޔޫޓީ 69"ގެ ނަމުގައި ގެނެސްދިން އެ ބައޮގްރަފިކަލް ފިލްމު ރިލީޒްކޮށްފައި ވަނީ 2023 ވަނަ އަހަރުއެވެ.
އިތުރު ޕަންޖާބީ ފިލްމެއް ރާޖް އިއުލާނުކުރިއިރު މި މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރި ޕަންޖާބު ފިލްމު "މެހަރް"ގެ ވެސް ލީޑް އެކްޓަރަކީ ރާޖްއެވެ.
ކުރިން ބޮލީވުޑް ފިލްމުތަކުން ވެސް ފެނިފައިވާ ބަތަލާ ގީތާ ބަސްރާ މުހިއްމު ރޯލްއިން ފެނުނު "މެހަރް" އަކީ ރާޖް ޕަންޖާބީ ސިނަމާއަށް ތައާރަފްވި ފިލްމެވެ.
ރާޖް އަލަށް އިއުލާނުކުރި ފިލްމު "ދަ ގްރޭޓް ޕަންޖާބީ ރޮބެރީ"އަކީ ރާޖްގެ ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ވެސް ފެންނާނެ ފިލްމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ފިލްމުތަކުން ރާޖް ފެންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.