އަމާޒަކީ ރައްޔިތުން މާލެ އައިސް ޚިދުމަތް ހޯދަން އޮންނަ "އަަޅުވެތިކަމަށް" ނިމުން ގެނައުން: ރައީސް

ވޭމަންޑޫގެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަލާމްކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އަމާޒަކީ ބޮޑު އަގުގައި ރަށްރަށުން މީހުން މާލެ އައިސް ޚިދުމަތް ހޯދަން އޮންނަ "އަަޅުވެތިކަމަށް" ނިމުމެއް ގެނެސް، ސީދާ ރަށްރަށުން ޚިދުމަތް ލިބޭގޮތް ހެދުން ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިވަގުތު ހަތަރު އަތޮޅަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު އަތޮޅު ކަމަށްވާ ތ. އަތޮޅުގެ ވެރިރަށް ވޭމަންޑުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެ ރަށުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް އަޅައި ގާތްގަނޑަކަށް ނިމިއްޖެކަމަށާއި، އެކަމުގެ ސަބަބުން އެ ރަށު ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނެ ކަމަށެވެ.

ހަމައެއާއެކު ވޭމަންޑޫގައި މިއަދު ފެށި ޕާސްޕޯޓު ހެއްދުމާއި ދޫކުރުމުގެ ޚިދުމަތުން ވެސް އެ ރަށު ރައްޔިތުންނަށް ފަސޭހަވާނެ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ރަށުގައި އެ ޚިދުމަތް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ހުރިހާ އަތޮޅެއްގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ގާއިމްކޮށް އަންނަ މަހު ނިމޭނެއެވެ.

މީގެ އިތުރުން ބައެއް ރަށްރަށުގައި އައިޑީކާޑު ހެއްދުމާއި ދޫކުރުމުގެ ޚިދުމަތް މި ސަރުކާރުން ފަށާފައިވާކަން ފާހަގަކުރައްވައި އެކަމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް ކުރިއެރުންތައް ލިބޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުން ތިބި ތަނަށް ސަރުކާރުން އައިސް ޚިދުމަތްތައް ގާއިމްކުރަން، އަބަދު ބޮޑުއަގުގަ މާލެއަށް ނުވަތަ އެހެން ދުރު ހިސާބަކަށް ގޮސްގެން ޚިދުމަތްހޯދަން، އެ 'އަޅުވެތިކަން' ނިމުމަކަށް ގެންނަން، ރައްޔިތުންނަށް ފަސޭހަކަން، ރައްޔިތުންނާ ހިސާބަށް ގެނެސްދޭން،" ރައީސް ވިދާޅުވިއެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރަނީ ވެސް އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންމެ ރަށެއްގައި އޭޓީއެމް އެޅުމާއި، އަގުބޮޑެތި ޚިދުމަތްތައް ގާއިމްކުރުމަށް ވައުދުފުޅުވަމުން ރައީސް ގެންދަވާތީ ބައެއް ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ.

https://sun.mv/211712

މާލެއަށް ޚިދުމަތް ހޯދަން އަންނަންޖެހޭ "އަޅުވެތިކަމުގެ" ސަގާފަތް ނިމުމަކަށް ގެންނަވާނެކަމަށް ރައީސް ވިދާޅުވިއިރު، އާބާދީ މަދު ރަށްރަށުގެ ރައްޔިތުން އަންނަނީ ބޮޑެތި އާބާދީތަކަށާއި، މާލެއާއި މާލެ ކައިރި ރަށްރަށަށް ވެސް ބަދަލުވާން އެދެމުންނެވެ.

އަދި މި ސަރުކާރުން ވީ ވައުދުތަކުގެ ތެރޭ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ތަރައްގީކޮށް އެ ސަރަހައްދުތަކުން، އެ ހިސާބެއްގައި އުޅޭ ރައްޔިތުންނަށް މާލެއެކޭ އެއްފެންވަރުގެ ޚިދުމަތް ލިބޭނެހެން ތަރައްގީކުރުން ހިމެނެއެވެ.

comment ކޮމެންޓް