މި ހަފުތާއިން ފެށިގެން އައު ޕާސްޕޯޓުތައް ދޫކުރަން ވާނީ ފަށައިފައި: އިމިގްރޭޝަން

އިމިގްރޭޝަން އޮފިސަރަކު ޕާސްޕޯޓެއްގެ މަސައްކަތް ކުރަނީ: މި ހަފުތާއިން ފެށިގެން އައު ޕާސްޕޯޓުތައް ދޫކުރަން ފަށައިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި --- ފޮޓޯ/ އިމިގްރޭޝަން

މި ހަފުތާއިން ފެށިގެން އައު ޕާސްޕޯޓުތައް ދޫކުރަން ފަށައިފައިވާ ކަމަށާއި މާދަމާއިން ފެށިގެން ކުރިއެކޭ ވެސް އެއްގޮތަށް ޕާސްޕޯޓު ލިބޭނެ ކަމަށް، އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ ޕާސްޕޯޓަށް ކުރިން އެދިފައި ތިބި މީހުންގެ ޕާސްޕޯޓުތައް ނިންމަމުން ދާތީ ކުޑަ ލަސްކަމެއް އުޅުން އެކަށީގެންވާ ކަމަށެވެ.

މި ހަފުތާއިން ފެށިގެން އައު ޕާސްޕޯޓުތައް ދޫކުރަން ފަށައިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ޕާސްޕޯޓުގެ ސްޓޮކް ލިބުން ލަސްވުމުގެ ސަބަބުން އޭރު އެޅި ފިޔަވަޅުތަކުގެ ތެރެއިން އެންމެ އިސްކަންދިނީ އަވަހަށް ފުރާ މީހުންނަށްކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.

"ޕެންޑިން ކްލިއާކުރާތީ އެ ޑިލޭ ކުޑަކޮށް އުޅެފާނެ، އެހެންވެ ބައެއް ބޭފުޅުން މެސެޖުކުރައްވާ، ބުރާސްފަތި ދުވަސް ހިސާބުން (މާދަމާއިން ފެށިގެން) ރަނގަޅުވާނެ ކަމަށް މި ބަލަނީ، އިތުރު ވަގުތު މަސައްކަތްކޮށްގެން ވެސް ނިންމަމުން ދަނީ،" އޭނާ ވިދާޅުވިއެވެ.

https://sun.mv/228784

ފާހަގަކުރެވޭ ގޮތުގައި އިމިގްރޭޝަނުން މީގެ ކުރިން ވަނީ އައު ޕާސްޕޯޓުގެ ސްޓޮކް ލިބި އާންމު ހާލަތަށް މި ހަފުތާގައި އަންނާނެ ކަމަށް ބުނެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ ޕާސްޕޯޓު ޕްރިންޓުކުރާ ޖަރުމަނުވިލާތުގެ ކުންފުންޏަށް ދިމާވެފައިވާ މައްސަލަ ހައްލުވެއްޖެ ކަމަށާއި، މިދިޔަ ހަފުތާ ބަންދުގައި ޕާސްޕޯޓުގެ އައު ސްޓޮކް ލިބޭނެ ކަމަށެވެ. އެއަށްފަހު ކުރިއެކޭ އެއްގޮތަށް މި ހަފުތާއިން ފެށިގެން ޕާސްޕޯޓު ދޫކުރަން ފެށޭނެ ކަމުގެ ޔަގީންކަން އިޙްސާން ދެއްވިއެވެ.

ހަމަ އެހެންމެ 2،646 މީހަކު ޕާސްޕޯޓު ހައްދަން އެދުނު ކަމަށާއި އެ ބެކްލޮގް އެއްކޮށް ފުހެލަން ފަސް ވަރަކަށް ދުވަސް ނަގާނެ ކަމަށް އޭނާ އޭރު ވިދާޅުވިއެވެ.

comment ކޮމެންޓް