ނުގަވައިދުން އުޅޭ ބިދޭސީންނަށް ޖާގައެއް ނެތް، ހަރުކަށި ފިޔަވަޅު އަޅާނަން: ނަވީން

ފުލުހުންގެ ކޮމިޝަނަރު ނަވީނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު: ނަވީން ވިދާޅުވީ، ވައިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންނަށް ފުލުހުން އެއްވެސް ޖާގައެއް ނުދޭނެ ކަމަށާއި ހަރުކަށި ފިޔަވަޅު އަޅާނެކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންނަށް ފުލުހުން އެއްވެސް ޖާގައެއް ނުދޭނެ ކަމަށާއި، ގަވައިދާ ޚިލާފަށް އެތެރެވެ މަސައްކަތްކުރާ ބިދޭސީންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް، ފުލުސް ކޮމިޝަނަރު އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަވީން ވިދާޅުވީ، ރާއްޖޭގައި ގަވައިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންނާއި އެ މީހުންގެ ފައިދާ ނަގައި އިންސާނީ ވަގުފާރީގެ އަމަލުތައް ހިންގާ ފަރާތްތަކަށް މި ގައުމުގައި އެއްވެސް ޖާގައެއް ފުލުހުން ނުދޭނެ ކަމަށެވެ.

"ގަވައިދާ އެއްގޮތަށް މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ކުރާ މަސައްކަތްތައް ބަލައިގަނެވޭއިރު، ގަވައިދާ ޚިލާފަށް ރާއްޖެ އެތެރެވެ މަސައްކަތްކުރާ ބިދޭސީންނަށް ވަގުތުން ފިޔަވަޅު އަޅާނަން،" ނަވީން ވިދާޅުވިއެވެ.

ހަމައެއާއެކު، އިންސާނީ ވަގުފާރިއަކީ ނާޒުކު ހާލަތުގައި ތިބޭ މީހުން އަނިޔާވެރި ގޮތެއްގައި ބޭނުންކޮށް، މުޖުތަމައަށް ނޭދެވޭ އަސަރުކުރުވާ ކުށެއްކަން ފާހަގަކުރައްވައި ނަވީން ވިދާޅުވީ، އިންސާނީ ވަގުފާރިކުރާ ފަރާތްތައް އަދުލުގެ ކުރިމައްޗަށް ގެނެސް، އާންމުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގައި ފުލުހުން ދެމިތިބޭނެ ކަމަށެވެ.

https://sun.mv/211595

ނަވީން މިފަދައިން ވިދާޅުވެފައިވަނީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އެމީހުން ވަގުތުން ޑިޕޯޓުކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ ހޮނިހިރު ވިދާޅުވެފައިވަނިކޮށެވެ. އަދި ރައީސް އެފަދައިން ވިދާޅުވެފައި އޮއްވައި، ނުގަވައިދުން އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދޭނެކަމަށް އިމިގްރޭޝަނުން ބުނެފައިވަނިކޮށެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު ފ. ނިލަންދޫގައި ވާހަަކަދައްކަވަމުން ރައީސް ޑޜ. މުހައްމަދު މުއިއްޒު ވަނީ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ވަގުތުން ބިދޭސީން ޑިޕޯޓުކުރާ އެ ފަދަ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާނެކަން ހާމަކުރައްވައިފައެވެ.

https://sun.mv/211769

ނަމަވެސް ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޗީފް އިމިގްރޭޝަން އޮފިސަރު އަޙުމަދު މުޖުތަބާ ވިދާޅުވީ، ގައުމީ ފެންވަރުގެ މި އޮޕަރޭޝަން ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށްދާ ކަމަށެވެ.

އަދި މައިގަނޑު ބޭނުމަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ހިމެނޭ މީހުންނަށް ފިޔަވަޅުއެޅުން ކަމަށެވެ.

"ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން މި ރެއިޑް އޮޕަރޭޝަންތަކުގަ ޑީޓެއިންކުރަނީ. މިގޮތަށް ޑީޓެއިންކުރެވޭ އެބަ ވަރަށް ގިނަ ފަރާތްތަކެއްް. މި ފަރާތްތަކަށް ސަރުކާރުން މީގެ ކުރިން ފަށާފައިވާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ތެރެއިން ރެގިއުލަރައިޒް ކުރުމުގެ ފުރުސަތު އެބަދެން،" މުޖުތަބާ ވިދާޅުވިއެވެ.

އަދި މިފަދައިން ހޯދާ ބިދޭސީންނަށް އިތުރު ފުރުސަތު ދޭނެކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް