އައްޑޫ ސިޓީގެ ހިތަދޫ ވިޔަފާރި ބަނދަރުން ވަގަށް އެތެރެކުރަން އުޅެނިކޮށް، ހިފެހެެއްޓި ސިނގިރޭޓުގެ ޖުމްލަ އަގު 15 މިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
އެ ތަކެތި ހިފެހެއްޓިކަން ކަސްޓަމްސްއިން ކަށަވަރުކޮށްދީފައިވާއިރު، މިހާރު ވަނީ އިތުރު ތަފްސީލް ހާމަކޮށްފައެވެ.
ކަސްޓަމްސްއިން ބުނީ ޖުމްލަ 1.8 މިލިއަން ސިނގިރޭޓު ހިފެހެއްޓި ކަމަށާއި، އެ ތަކެތީގެ ޖުމްލަ އަގު 15 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
މީގެ ކުރިން މި އަހަރުގެ އޭޕްރީލް މަހު ވެސް އައްޑޫން ސިއްރުން އެތެރެކުރަން އުޅުނު އެއް ލައްކައަށްވުރެ ގިނަ ސިނގިރޭޓު ހިފަހައްޓާފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި މި ސަރުކާރުން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން، ސިނގިރޭޓުގެ އަގު ބޮޑުވެ، ވަގު ސިނގިރޭޓު ވިއްކުން ވަނީ އާންމުވެފައެވެ. ހަމައެއާ އެކު ވަގަށް ސިނގިރޭޓު އެތެރެކުރާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ.