މިދިޔަ މަހު ތެރަޕީއަށް އެންސްޕާއިން ހަތް މިލިއަން, އެންމެ ގިނައީ ބިހޭވިއާ ތެރަޕީ!

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކާ އެކީ ސެން ޓީޗަރަކު ހަރަކާތްތެރިވަނީ --- ފޮޓޯ: ބީއެމްއެލް

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މިދިޔަ މަހު ތެރަޕީތައް ނެގުމަށް އެހީގެ ގޮތުގައި ހަތް މިލިއަނަށް ވުރެން ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން މިއަދު އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން ނިމިދިޔަ އޮގަސްޓް މަހު, އެ އޮތޯރިޓީން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކަލް ފަރުވާ ދިނުމަށް ޖުމުލަ 7.7 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

އޭގެ ތެރެއިން އެންމެ ގިނަ މީހުން ހޯދާފައިވަނީ ބިހޭވިއާ ތެރެޕީއެވެ. އެ ތެރަޕީ 115 މީހުން ހޯދާފައިވާއިރު އެކަމަށް 1.9 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. ދެން އެންމެ ގިނަ މީހުން ނެގީ އޮކިއުޕޭޝަނަލް ތެރެޕީ އާއި އާލީ އިންޓަވެންޝަން ތެރެޕީއެވެ. އެ ދެ ތެރަޕީ ވެސް 100 މީހުން ނެގިއިރު އޭގެ ތެރެއިން އޮކިއުޕޭޝަނަލް ތެރެޕީއަށް 1.7 މިލިއަން ރުފިޔާ ހަރަދު ކުރިއިރު އާލީ އިންޓަވެންޝަން ތެރަޕީއަށް 1.2 މިލިއަން ރުފިޔާ ހަރަދު ކުރިއެވެ.


ދެން އެންމެ ގިނަ މީހުން ނަގާފައިވަނީ ސުޕީޗް ތެރަޕީއެވެ. އެ ތެރަޕީ 90 މީހުން ނަގާފައިވާއިރު އެކަމަށް ވަނީ 1.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ. އެޑިއުކޭޝަނަލް ތެރަޕީ 67 މީހުން ނަގާފައިވާއިރު އެކަމަށް ވަނީ އެއް މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.

އެންމެ މަދުން ނަގާފައިވާ ތެރަޕީތަކަށް ބަލާއިރު ފިޒިއޯ ތެރަޕީ ދިނުމަށް 12 މީހުންނަށް 158,200 ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އަދި 13 މީހަކަށް ސައިކޯ ތެރަޕީ ދިނުމަށް 140,950 ވަނީ ހަރަދު ކޮށްފައެވެ.

މި ހުރިހާ ތެރަޕީތަކަކަށް ބަލާއިރު މިދިޔަ މަހު އެންސްޕާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ 290 މީހުންނަށް ތެރަޕީ ނެގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ 212 ފިރިހެނުންނާއި 78 އަންހެނުންނެވެ.

comment ކޮމެންޓް