ކުދިން ޚިތާނުކުރުމުގެ ރައްކާތެރިކަމަށް ރާއްޖޭގައި އަލަށް ހެދި ދިރާސާއިން މުހިންމު ކަންތައްތަކެއް ފާހަގަވެއްޖެ

އައިޖީއެމްއެޗް ކުރިމަތި -- ފޮޓޯ/ މާނިއު މުހައްމަދު

ޅަފަތުގެ ފިރިހެން ކުދިން ޚިތާނުކުރުމަށްފަހު ދިމާވާ ސިއްހީ އެކި މައްސަލަތަކާއި، އެކުދިންގެ އިސްކޮޅާއި ބަރުދަން ނުވަތަ 'ބޮޑީ މަސް އިންޑެކްސް' (ބީއެމްއައި) އާ ދެމެދު ބޮޑު ގުޅުމެއްވާކަން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހެދި ދިރާސާއަކުން ހާމަވެއްޖެއެވެ.

މި ދިރާސާއަކީ އައިޖީއެމްއެޗްގެ ސާޖަން ޑރ. ޢަބްދުﷲ އުބައިދު އިސްވެ ހުންނަވައިގެން، 07 ޖޫން 2023 އިން 30 އޮގަސްޓް 2023 ގެ ނިޔަލަށް ކުރިއަށް ގެންދެވި ދިރާސާއެކެވެ. މިއީ މިފަދަ މައުޟޫއަކަށް ރާއްޖޭގައި މިހާތަނަށް ހެދުނު މިފަދަ ފުރަތަމަ އިލްމީ ދިރާސާއެވެ.

އިސްލާމީ މުޖުތަމައުތަކުގައި ޚިތާނުކުރުމަކީ ދީނީ އަދި ސަގާފީ ގޮތުން ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމަކަށް ވާއިރު، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނަށް އެންމެ ގިނައިން ކުރެވޭ އެއް ސާޖަރީއެވެ. އާންމުގޮތެއްގައި މި އޮޕަރޭޝަނަށްފަހު މައްސަލަތައް ދިމާވާ ނިސްބަތް އުޅެނީ 0.2 އިންސައްތައާއި 12.6 އިންސައްތައާ ދެމެދުގައެވެ. މީގެ ތެރެއިން އެންމެ އާންމުކޮށް ފާހަގަކުރެވެނީ ލޭމަނާނުވުމާއި، އިންފެކްޝަން އުފެދުމުގެ އިތުރުން ދުޅަވުން ފަދަ ކަންކަމެވެ.

ޑރ. އުބައިދުގެ މި ދިރާސާގައި ބައިވެރިކޮށްފައިވަނީ ޖުލައި 2022 ގައި އައިޖީއެމްއެޗްގެ ސާޖަރީ ޑިޕާޓްމަންޓުގައި ޚިތާނުކުރުމަށް ރަޖިސްޓްރީކުރި 143 ކުދިންނެވެ. މި ދިރާސާގައި ހުރިހާ ކުދިންނަށް ވެސް ބޭނުންކޮށްފައިވަނީ އެއް އުސޫލަކުން ކުރެވޭ ސާޖަރީގެ މިންގަނޑުތަކެވެ. އަދި އޮޕަރޭޝަން ކުރި ވަގުތުން ފެށިގެން 30 ދުވަހުގެ މުއްދަތަށް، ސުވާލު ކަރުދާސްތަކާއި ތަފާސްހިސާބު އެއްކުރުމުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުދިންގެ ހާލަތު ވަނީ ގާތުން ބަލައި ދިރާސާކޮށްފައެވެ.

މި ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި ބައިވެރިވި ކުދިންގެ 57 އިންސައްތަ ކުދިންގެ ބީއެމްއައި ހުރީ 14 އާއި 19.9 އާ ދެމެދުގައެވެ. އަދި 31 އިންސައްތަ ކުދިންގެ ބީއެމްއައި ހުރީ 11 އާއި 13.9 އާ ދެމެދުގައެވެ. މިއިން ދޭހަވަނީ ޚިތާނުކުރި ގިނަ ކުދިންނަކީ އާންމު ސިއްޙަތު ރަނގަޅު، ބަރުދަން އެކަށީގެންވާ މިންވަރެއްގައި ހުރި ކުދިން ކަމެވެ.

ނަމަވެސް، ދިރާސާގެ ތަފާސްހިސާބުތަކުން ހާމަވި އެންމެ މުހިންމު އެއް ކަމަކީ ކުއްޖާގެ އިސްކޮޅާއި ބީއެމްއައި މަތިވާ ވަރަކަށް، އޮޕަރޭޝަނަށްފަހު ލޭފޭބުމުގެ ފުރުސަތު އިތުރުވެގެންދާ ކަމެވެ. މީގެއިތުރުން، އޮޕަރޭޝަނަށްފަހު ގިނަ ކުދިންގެ ފަރާތުން ދުޅަވުމުގެ ޝަކުވާ ވަރަށް ބޮޑަށް ފާހަގަކުރެވުނު ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ދިރާސާ ނިންމާލައްވަމުން ޑރ. އުބައިދު ފާހަގަކުރައްވާފައިވަނީ، ކުދިން ޚިތާނުކުރުމުގައި އެކުދިންގެ އިސްކޮޅާއި، ބަރުދަން އަދި ޚާއްސަކޮށް ބީއެމްއައި އަކީ ނަތީޖާ ކާމިޔާބުވުމާއި ނުރައްކާތައް މަދުކުރުމުގައި ނުހަނު ބޮޑު ދައުރެއް އަދާކުރާ ކަންކަން ކަމަށެވެ. އަދި މި ހޯދުންތަކުގެ ސަބަބުން ރާއްޖޭގެ ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިންނަށް ކުރިމަގުގައި މިފަދަ އޮޕަރޭޝަންތައް އިތުރަށް ފުރިހަމަކޮށް، ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް