މަގު ހުރަސްކުރި މީހެއް ގައިގައި ކާރު ޖެހުމުން މަޑުނުކުރި ޑްރައިވަރުގެ ބަންދަށް 15 ދުވަސް

ކާރަކުން ޖެހި، ކަށިމަތި ބިންދައިގެން ގޮސް މީހަކު ވެއްޓުނުއިރު، މަޑުނުކޮށް ދިޔަކަމަށް ތުހުމަތުވާ ޑްރައިވަރު: އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައި --- ފޮޓޯ/ ފުލުހުން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަފިހިހުރަސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ކާރު ޖެހުމުން، އެ ކާރު މަޑުނުކޮށް ދިޔަ މައްސަލައިގައި، ޑްރައިވަރުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ އެމްއޭސީއެލް ޓަވަރު ކައިރިން، ހިނގި އެކްސިޑެންޓުގައި އަނިޔާވީ 63 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ފުލުހުން ބުނީ، އެ އެކްސިޑެންޓުގެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ 9:30 ހާއިރު ކަމަށެވެ.

މަގު ހުރަސްކުރި މީހާގެ ގައިގައި ކާރުން ޖެހި، އެ މީހާ ވެއްޓުމުން، ކާރު މަޑުނުކޮށް އެ ސަރަހައްދުން ދުއްވާފައި ދިޔައީ ކަމަށް ފުލުހުން ބުންޏެވެ.

https://sun.mv/211701

އެ އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއްފައިގެ ކަށިމަތި ވަނީ ބިންދައިގެން ގޮސްފައި ކަމަށާއި، ފަރުވާއަށް އެ މީހާ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖު ބަލައި، ކާރު ދުއްވި މީހާ ހޯދައި، ކޯޓު އަމުރެއްގެ ދަށުން ހޯމަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އުމުރުން 57 އަހަރުގެ ފުވައްމުލައް / ދަޑިމަގު, ނައިސް، ޚާލިދު ޢަބްދުﷲ ޢަލީއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޚާލިދުގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ. އޭނާއަކީ ބަލި މީހެއް ކަމަށް އޭނާ އަމިއްލައަށް ބުނާތީ، ޑޮކްޓަރުގެ ލަފާގެ މަތިން ފަރުވާ ދިނުމަށް ކޯޓު އަމުރުގައިވެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޚާލިދުގެ ލައިސަންސް ހިފަހައްޓައިފައެވެ. އަދި އެ މުއައްސަސާއިން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ވައްކަމުގެ މައްސަލަތަކަށް ފަހު ފުލުހަށް އެންމެ ގިނައިން ރިޕޯޓުކުރަނީ އެކްސިޑެންޓުތަކުގެ މައްސަލައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ޓްރެފިކް އެކްސިޑެންޓުގެ 2،171 މައްސަލަ ހުށަހަޅައިފައިވެއެވެ.

comment ކޮމެންޓް