ރާއްޖެއާ އެކު އޮތް ގުޅުން އަންނަނީ ހުރިހާ ދާއިރާއަކަށް ފުޅާވަމުން: ސަޢޫދީ

ސަޢޫދީގެ 95 ވަނަ ގައުމީ ދުވަސް ފާހަގަކުރަން ރާއްޖޭގައި ބޭއްވި ރަސްމިއްޔާތު: ދެ ގައުމުގެ ގުޅުން ހުރިހާ ދާއިރާއަކަށް ފުޅާވަމުން އަންނަ ކަމަށް އެ ގައުމުން ވަނީ ބުނެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް އެކުވެރި ގާތް ގުޅުން އަންނަނީ ހުރިހާ ދާއިރާއަކަށް ފުޅާވަމުން ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ އިއްޔެ ވިދާޅުވެއްޖެއެވެ.

ސަޢޫދީގެ 95ވަނަ ގައުމީ ދުވަސް ފާހަގަކުރަން ރާއްޖޭގައި ވެސް ރޭ ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ސަޢޫދީގެ ގައުމީ ދުވަހާ ގުޅިގެން ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސައުދާއި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ލީޑާޝިޕްގެ ދަށުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަ ކަމަށެވެ. އަދި، ދެ ގައުމުގެ ގުޅުން ހުރިހާ ދާއިރާއަކަށް ވެސް ފުޅާވަމުން އަންނަކަން ސަފީރު ފާހަގަކުރެއްވިއެވެ.

އެގޮތުން، ވިޔަފާރިއާއި އިންވެސްޓްމަންޓާއި ދެމެހެއްޓެނިވި ތަރައްގީއާއި ފަތުރުވެރިކަމުގެ އިތުރުން ތައުލީމީ ދާއިރާގައި ވެސް ދެ ގައުމުގެ ގުޅުން ފުޅާވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަޢޫދީގެ 95 ވަނަ ގައުމީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ސަފީރު ވަނީ ދެ ގައުމުގެ ގުޅުމަށް ތައުރީފުކުރައްވާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

"ސަޢޫދީއަކީ ރާއްޖޭގައި ހިންގާ އިންފްރާސްޓްރަކްޗާއާއި ފަތުރުވެރިކަމުގެ މަޝްރޫއުތަކުގެ މުހިންމު ބައިވެރިއެއް. އަދި، ރާއްޖޭގެ ކުރިއެރުމާއި ތަރައްގީގެ ބައިވެރިއެއް،" ސަޢޫދީ ސަފީރުގެ ބަޔާނުގައިވެއެވެ.

އިސްލާމީ ދުނިޔޭގައި ސަޢޫދީން އަދާކުރާ ދައުރާއި ތަރައްގީއާއި ހަމަޖެހުން ދަމަހައްޓަން ސަޢޫދީން ކުރާ މަސައްކަތް ދިވެހިރާއްޖެއިން އުފާލާއެކު ބަލައިގަންނަކަން ވެސް ސަފީރުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި، ދެ ގައުމުގެ އިސްވެރިން ކުރައްވާ ދަތުރުފުޅުތަކާއި މަޝްވަރާތަކުން ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެ - ސަޢޫދީ ގުޅުމަކީ ހަމައެކަނި ދެ ގައުމުގެ ސަރުކާރާ ދެމެދު އޮންނަ ގުޅުމެއް ނޫން ކަމަށެވެ. ދެ ގައުމުން ވެސް ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރަން މަސައްކަތްކުރާކަން ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން، ދެ ގައުމުން ވެސް ފަތުރުވެރިކަމާއި، ތައުލީމީ އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، އަމިއްލަ ވިޔަފާރިތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރަން މަސައްކަތްކުރާ ކަމަށް ސަފީރު ވިދާޅުވިއެވެ. ސައުދީ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވަނީ ދެ ގައުމުން ވެސް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމުގެ އާންމުންނަށް ފައިދާވާނެ ގޮތަކަށް ގުޅުންތައް ބައްޓަންކުރަން މަސައްކަތްކުރާކަން ފާހަގަކުރައްވައިފައެވެ.

ސަޢުދީގެ 95 ވަނަ ގައުމީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އުއްތަމަފަނޑިޔާރާއި އިކޮނަމިކް މިނިސްޓަރު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި -- ސަން ފޮޓޯ/ މޫސާ ނަދީމް

ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހުގައެވެ.

ސަޢޫދީގެ 95ވަނަ ގައުމީ ދުވަސް ފާހަގަކުރަން ރޭ މާލޭގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި، އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ދައުލަތުގެ އިސްވެރިން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް މުއިއްޒު މި ވަގުތު އުޅުއްވަނީ ރަސްމީ ދަތުރުފުޅެއްގައި ތ. އަތޮޅުގައެވެ. އަދި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ހުންނެވީ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއު ޔޯކްގައެވެ.

comment ކޮމެންޓް