އެނބުރި ފިލްމީ މަސައްކަތަށް ނުކުންނަން ތައްޔާރު: ސޯނަމް

ބޮލީވުޑް ބަތަލާ ސޯނަމް ކަޕޫރު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ކުއްޖަކު ލިބުނު ފަހުން ފިލްމީ ދާއިރާއާ ދުރުގައި ހުރި ބޮލީވުޑް ބަތަލާ ސޯނަމް ކަޕޫރު އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުންނަން ތައްޔާރަށް ހުރި ކަމަށް ބަތަލާ ބުނެފިއެވެ.

ސޯނަމް ފިލްމީ ދާއިރާއަށް އެނބުރި އައުން ފާހަގަކުރާ ފުރަތަމަ ފިލްމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށަން ނިންމާފައިވާކަން ބަތަލާ ވަނީ އިއުލާނުކޮށްފައެވެ. ފިލްމު "ނީރްޖާ"، "ދެއްލީ -6" އަދި "ރާންޖްނާ" ފަދަ ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ބަތަލާ އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުންނަ ޚަބަރާ އެކު ބަތަލާގެ ސަޕޯޓަރުން ވަނީ އެކަމާ ވަރަށް އުފާވާ ކަމަށް ބުނެފައެވެ.

ޓައިމްސް އޮފް އިންޑިއާއަށް ސޯނަމް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، މަންމައަކަށްވުމަށް ފަހު އެންމެ ބޮޑު އިސްކަމެއްދިނީ ދަރިފުޅަށް ވަގުތު ހުސްކުރުމަށް ކަމަށެވެ.

ސޯނަމް ފިރިމީހާ އާނަންދު އަދި ދަރިފުޅާ އެކު ރާއްޖޭގައި--ފޮޓޯ/އިންސްޓަގްރާމް

މިހާރު އުމުރުން ތިން އަހަރުވެފައިވާ ދަރިފުޅު ވަޔޫ ކަޕޫރު އަހޫޖާގެ ތުއްތުއިރުގެ ހަނދާންތައް އަބަދުގެ އަބަދަށް ހިތުގައި ރައްކާތެރި ކުރުމަކީ އޭނާއަށް ފިލްމީ ކެރިއަރަށް ވުރެ ވެސް މުހިންމު ކަމެއް ކަމަށާއި އެ ނިންމުން އެގޮތަށް ނިންމުނީތީ ވަރަށް އުފާވާ ކަމަށް ސޯނަމް ވަނީ ބުނެފައެވެ.

އިންޑިއާގެ ނިއު ދިއްލީއަށް ނިސްބަތްވާ ވިޔަފާރިވެރިޔާ އާނަންދު އަހޫޖާއާ ކައިވެނިކުރުމަށް ފަހު ސޯނަމް ދިރިއުޅުނީ އިނގިރޭސިވިލާތުގައެވެ. ނަމަވެސް، ފިލްމު އިންޑަސްޓްރީގެ މުހިންމު ހަފުލާތަކުން މަދުން ނަމަވެސް ސޯނަމް ވަނީ ފެނިފައެވެ.

އަމިއްލަ ދިރިއުޅުމަށް ބޭނުންވާ ވަރަށް ވަގުތު ދިނުމަށްފަހު ސޯނަމްގެ ހިތުގައި ދެން އެންމެ ބޮޑު ލޯތްބެއް އޮތް އެކްޓިން ދާއިރާއަށް އެނބުރި އަންނަން އޭނާ ހުރީ ތައްޔާރަށް ކަމަށް ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުގައި ވަނީ ބުނެފައެވެ.

ސޯނަމް ބޮޑު ބްރޭކަކަށް ފަހު މަސައްކަތް ފަށާ ފުރަތަމަ ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ނަމަވެސް، އެ ފިލްމާ ބެހޭ މައުލޫމާތު އަދި ބެލުންތެރިންނާ ހިއްސާކުރެވެން ނެތް ކަމަށް ސޯނަމް ވަނީ ބުނެފައެވެ. މީގެ ކުރިން ވެސް ބަތަލާއިން ލީޑް ތަރިންގެ ގޮތުގައި ފެންނަ ފިލްމުތަކަށް އިސްކަންދޭ ސޯނަމް ކުރިއަށް އޮތްތަނުގައި ވެސް ބޭނުންވަނީ އެފަދަ ފިލްމުތަކުން ފެންނަން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

comment ކޮމެންޓް