އިމިގްރޭޝަނުގެ އޮޕަރޭޝަނުގައި 24 ގަޑިއިރު ތެރޭ، ނުގަވައިދުން ވިޔަފާރިކުރާ 24 ބިދޭސީން ހޯދައިފި

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ކުރިއަށް ގެންދާ ގައުމީ އޮޕަރޭޝަނުގައި އިއްޔެ ބިދޭސީންތަކެއް ބަލައި ފާސްކުރަނީ: އިއްޔެ އެކަނި ވަނީ ގަވައިދާ ޚިލާފަށް އުޅޭ 24 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައި --- ފޮޓޯ/ އިމިގްރޭޝަން

ރާއްޖޭގައި ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި، ވަގުތުން ޑީޕޯޓުކުރުމަށް އިއްޔެ އިމިގްރޭޝަނުން ފެށި ގައުމީ އޮޕަރޭޝަނުގައި 24 ގަޑިއިރު ތެރޭ 24 ބިދޭސީން ހިފަހައްޓައިފިއެވެ.

އެ އޮޕަރޭޝަންގެ ތެރެއިން އިމިގްރޭޝަނުން އިއްޔެ ވަނީ، މާލޭގެ ނުވަ ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ.

އޭގެފަހުން މިއަދު އިމިގްރޭޝަނުން ބުނި ގޮތުގައި، އިއްޔެ ވަނީ، ގަވައިދާ ޚިލާފަށް އުޅޭ 24 ބިދޭސީއަކު ހިފަހައްޓާފައެވެ.

އެ އޮޕަރޭޝަނާ ގުޅޭ ގޮތުން، އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް އަޙްމަދު ފަސީހު ދައުލަތުގެ މީޑިއާއަށް ވިދާޅުވީ، ރާއްޖޭގައި ގަވައިދާ ޚިލާފަށް ހިންގާ ގިނަ ވިޔަފާރިތައް ހިންގަނީ ދިވެހީން އެކަމުގެ އަޑީގައި ތިބެގެންކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ، މި އޮޕަރޭޝަންގެ ތެރެއިން ނުގަވައިދުން ވިޔަފާރިތައް ހިންގާ ބިދޭސިންނާއި އެކަންކަން ކުރުވާ ދިވެހީންނަށް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

https://sun.mv/211634

ފަސީހު ވިދާޅުވީ ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނަކީ ފަސޭހަ އޮޕަރޭޝަނަކަށް ނުވާނެ ކަމަށެވެ. އެގޮތުން، އެކަމުގެ އަޑީގައި ނުފޫޒުގަދަ މީހުންނާއި ވިޔަފާރިވެރިން ތިބި ކަމަށާއި، އެ މަސައްކަތް ކާމިޔާބުވާނީ ސީރިއަސް މަސައްކަތްތަކެއް ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީއަކު ބަލައި ފާސްކުރަނީ: އިއްޔެ ވަނީ ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ 24 ބިދޭސީން ހިފަހައްޓާފައި ---- ފޮޓޯ/ އިމިގްރޭޝަން

އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ ފުލުހުންނާ ގުޅިގެން ކަމަށްވާއިރު، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ދާއޫދު ޕީއެސްއެމްއަށް ވިދާޅުވީ، އޮޕަރޭޝަން ކުރިއަށް ގެންދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން، ފުރަތަމަ ފިޔަވަހީގައި މާލެ ސަރަހައްދު ބަލައި ފާސްކުރާނެ ކަމަށާއި ދެވަނަ ފިޔަވަހީގެ ތެރެއިން އާބާދީ ބޮޑެތި ރަށްތައް ބަލައި ފާސްކުރެވޭނެ ކަމަށް ދާއޫދު ވަނީ ވިދާޅުވެފައެވެ. ތިން ވަނަ ފިޔަވަހީގައި ބަލާނީ އާބާދީ ކުދި ރަށްރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އޮޕަރޭޝަން ކުރިއަށްގެންދާނެކަން ފުރަތަމަ އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ރޭ އެ މަނިކުފާނު ވިދާޅުވީ އެ އޮޕަރޭޝަންގެ ދަށުން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދައި، އެފަދަ މީހުން ހިންގާ ވިޔަފާރިތައް ބަންދުކުރާނެ ކަމަށެވެ. އަދި ބޮޑެތި ރަށްރަށަށް ޚާއްޞަ އިސްކަމެއް ދީގެން ހިންގާ އެ އޮޕަރޭޝަނުގައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް