ތައުލީމީ ސެޓިފިކެޓްތަކުގައި ވަކީލުންނަށް ތައްގަނޑު ޖެހޭނެ: ބާ ކައުންސިލް

އެމްކިއުއޭގެ ބައްދަލުވުމެއްގެ ތެރެއިން: ތައުލީމީ ސެޓިފިކެޓްތަކުގައި ވަކީލުންނަށް ތައްގަނޑު ޖެހޭނެ ކަމަށް ބާ ކައުންސިލުން ވަނީ ބުނެފައި ---- ފޮޓޯ/ އެމްކިއުއޭ

ތައުލީމީ ސެޓިފިކެޓްތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހަން ގާނޫނީ ވަކީލުންނަށް އެއްވެސް ހުރަހެއް ނެތް ކަމަށް ބާ ކައުންސިލުން މިއަދު ބުނެފިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވަނީ އެ އޮތޯރިޓީން ދޫކުރާ ލިޔެކިޔުންތަކުގައި ތައްގަނޑު ޖެހޭނީ އެ އޮތޯރިޓީއަށް ކަމަށް ބަޔާންކޮށް، އުސޫލެއް އާންމުކޮށްފައެވެ. އެ އުސޫލުގައި ބުނާ ގޮތުން އެމްކިއުއޭއިން ދޫކުރާ ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާނީ އެ އޮތޯރިޓީންނެވެ. އެއީ:

  • ކޮލިފިކޭޝަން ރިކޮގްނީޝަން އެންޑް ވެލިޑޭޝަން. [ދިވެހިންނާއި ބޭރުފަރާތްތަކުގެ]
  • ކޮލިފިކޭޝަން އެސެސްމެންޓް
  • ރިކޮގްނީޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް
  • ސެކަންޑް ކޮޕީ އޮފް އަ ވެލިޑޭޓެޑް ކޮލިފިކޭޝަން.
  • ފޯމް 1، ފޯމް 2ގެ ޖަވާބު

އެހެންވެ، އެމްކިއުއޭއިން ދޫކުރާ ލިޔެކިޔުންތަކުގައި އިތުރު ފަރާތެއްގެ އެޓެސްޓޭޝަން ހޯދުމަކައިނުލަ ވަޒީފާތަކަށް ކުރިމަތިލެވޭނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެ ކަމާ ގުޅިގެން ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެމްކިއުއޭއިން އެކުލަވައިލި އުސޫލަކީ ތައުލީމީ ސެޓިފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތް ތައްގަނޑު ޖެހުމުގައި އެ އޮތޯރިޓީން އަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެއްކަން އެނގެން އޮތް ކަމަށެވެ.

އެހެންވެ، ގާނޫނީ ފަންނުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ރަސްމީ އިދާރާތަކުން ދޫކުރާ ލިޔުންތަކާއި، ތައުލީމީ ސެޓިފިކެޓުތަކާއި، ސަނަދުތަކުގައި ގާނޫނީ ވަކީލުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހަން އެއްވެސް ހުރަހެއް ނެތް ކަމަށް ބާ ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް