އަވައްޓެރި ސްރީލަންކާގައި ގަވާއިދާ ޚިލާފަށް ކޯސްތަކެއް ހިންގާތީ، ދިވެހި ދަރިވަރުން އެ ގައުމުގައި ކިޔަވަން ފެށުމުގެ ކުރިން ސަމާލުވާން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން އެދެފިއެވެ.
ރާއްޖޭގައި ބަލައިގަންނަ ސެޓްފިކެޓްތައް ކަނޑައަޅަނީ ވަކި މިންގަނޑެއްގެ ތެރެއިން އެމްކިއުއޭއިންނެވެ.
އެ އިދާރާއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ ދިވެހި ދަރިވަރުން ސްރީލަންކާގައި ކިޔަވަން ފެށުމުގެ ކުރިން، ކިޔަވަން ގަސްދުކުރާ މަރުކަޒަކީ އެ އޮތޯރިޓީން ބަލައިގަންނަ ތަނެއްތޯއާއި ކިޔަވާ ކޯހަކީ އެ އޮތޯރިޓީން ބަލައިގަންނަ ކޯހެއްކަން ކަށަވަރުކުރަން އެދިފައެވެ. އެ ނޫން ސެޓިފިކެޓްތައް ބަލައިނުގަންނާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެމްކިއުއޭއިން ބުނީ، އެ އޮތޯރިޓީން ބަލައިގަންނާނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ އަދި އެ ފެންވަރުގެ ޕްރޮގްރާމަކަށް ވަނުމަށް ކަނޑައަޅާފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ޕްރޮގްރާމްތަކާއި، ލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނާއި، ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަން އަދި ސްރީލަންކާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަންއިން ހުއްދަ ދީފައިވާ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުންނާއި އެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތައް ކަމަށެވެ.
ސްރީލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދެމުން އަންނަނީ ހަޔާ ޑިޕްލޮމާއިން ދަށުގެ ޓާޝަރީ ޕްރޮގްރާމްތަކަށެވެ. އަދި، ސްރީލަންކާގެ ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަން އަދި ސްރީލަންކާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނުން ހުއްދަ ދެމުން އަންނަނީ ޑިގްރީއަށް ވުރެ މަތީގެ ޕްރޮގްރާމްތަކަށެވެ.
އެކަމަކު، ހުއްދަ ދޭ މިންގަނޑާ ޚިލާފަށް ބައެއް މަރުކަޒުތަކުން ޕްރޮގްރާމް ހިންގާކަމާއި، އެ ފަދަ ޕްރޮގްރާމްތައް އެހެން ގައުމަކާ ގުޅިގެން ހިންގާކަން ވެސް އެނގިފައިވާ ކަމަށް އެމްކިއުއޭގެ ބަޔާނުގައިވެއެވެ. އެއީ، ހުއްދަ ލިބިގެން ހިންގާ ޕްރޮގްރާމްތަކެއް ނޫންކަން ބަޔާނުގައިވެއެވެ.
"އެހެންކަމުން ހުއްދަ ދީފައިވާ މިގަނޑާއި ޚިލާފަށް އެތަންތަނުން ހިންގާ ޕްރޮގްރާމްތަކުގެ ސެޓިފިކެޓް މި އޮތޯރިޓީން މީގެ ފަހުން ގަބޫލުނުކުރާނެ ވާހަކަދަންނަވަމެވެ. ވުމާއެކު، ދަރިވަރުން ކިޔަވަން ދިއުމުގެ ކުރިން އެމްކިއުއޭއިން ދޫކުރަމުން އަންނަ "އިންޓެންޑެޑް" ލިޔުން ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ދަންނަވަމެވެ،" ބަޔާނުގައިވެއެވެ.
އެމްކިއުއޭއިން ވަނީ ކޮލިފިކޭޝަންސް އޮތޯރިޓީން ހުއްދަ ދީފައިވާ ޕްރޮގްރާމެއް ވެސް ބޭރުގެ މަރުކަޒަކާ ގުޅިގެން ހިންގުމުގެ ކުރިން އެ ކަންކަމަށް ސަމާލުލާން އިލްތިމާސްކޮށްފައެވެ. އެހެންވެ، ކިޔަވާ ދަރިވަރުންނާއި މަރުކަޒުތަކުން ވެސް އެ ކަމަށް ސަމާލުވާން ވަނީ އެދިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 'ވަގު ސެޓިފިކެޓުތަކުގެ' މައްސަލަ ވެސް މި ފަހުން ބޮޑުވިއެވެ. އެ މައްސަަލައިގައި އެމްކިއުއޭއިން މީގެ ކުރިން ވަނީ ވަޒީފާތަކުގައި ތިބި މީހުންގެ ސަނަދު 'ވެރިފައިކުރާ' ވަރަށް އެ މައްސަލަ ބޮޑުވެފައިވާ ކަމަށް ބުނެފައެވެ.