އަނެއްކާ ވެސް ރައީސް ވިދާޅުވީ މަސް ކިލޯއެއް 20 ރުފިޔާއަށް ހައްދަވާނެ ކަމަށް

ރައީސް ދިއްގަރަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ: މިއަދު ވެސް ޔަގީންކަން ދެއްވީ މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ހައްދަވާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބައިނަލްއަގުވާމީ ބާޒާރުގެ އަގުގައި މަސްވެރިންގެ އަތުން މަސް ގަންނަ ގޮތަށް މި ސަރުކާރުގައި ބަދަލުކުރި ނަމަވެސް، ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް މަސް ކިލޯއެއް 20 ރުފިޔާއަށް ގަންނަ ގޮތަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އަނެއްކާ ވެސް ވިދާޅުވެއްޖެއެވެ.

ވިހި ރުފިޔާއަށް މަސް ކިލޯއެއް ގަންނަ އަގު ހެދުމުގެ ވައުދު ނުފުއްދާ ކަމަށް ބުނެ މަސްވެރިން އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ. މީގެ ކުރިން ވެސް ރައީސް ވަނީ އެ ވައުދު ފުއްދަވާނެކަމުގެ ޔަގީންކަން އެކި ފަހަރު މަތިން ދެއްވައިފައެވެ.

https://www.sun.mv/206210

މިހާރު އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން, މަސްވެރި ރަށެއް ކަމަށްވާ. މ. ދިއްގަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ, މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ހަދަން ބޭނުންފުޅުވަނީ މެދުނުކެނޑޭނެ ގޮތަކަށް ކަމަށެވެ. އެކަން ކުރުމަށް ފިޝްރީޒް އިންޑަސްޓްރީއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެން ހާސިލު ކުރާނެ ކަމެއް އިރާދަކުރެއްވިއްޔާ, އެކަމަށްޓަކައި ވަރަށް ބައިވަރު މަސައްކަތް ކުރަމުން ދާ ކަމެއް. ކުއްލިއަކަށް ފުރަތަމަ ދުވަހު ފަށައިގަނެވޭ ގޮތަށް ހުންނަ ކަންކަމެއް ނޫން ބައެއް ކަންކަމަކީ," ރައީސް ޔަގީންކަން ދެއްވިއެެވެ.

ރައީސް ވިދާޅުވީ, މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަގުތުތަކެއް ނެގި ކަމަށާއި އެކަންކަމަށް ވަގުތު ނެގުމަކީ ވައުދު ނުފުއްދުން ނޫން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މަސް ކިލޯއެއް 20 ރުފިޔާއަށް ގަތުމުގެ ވައުދު ވެސް ފުއްދަވާނެ ކަމަށް ތަކުރާރު ކުރެއްވެވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މަސްވެރިންނަށް އެހެން ޚިދުމަތްތައް ދިނުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި އެސްޓީއޯގެ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"މަސްވެރިކަމަކީ އަޅުގަނޑުމެން ވައުދުވި ގޮތަށް ވަރަށް ޔަގީންކަމާއެކު އަޅުގަނޑުމެން ފުއްދަމުން ދާ ކަމެއް. އަދި އެ ގޮތަށް ދާނެ ވެސް ކަމެއް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތީ އިތުރު އުފާވެރި ދުވަސްތައް," ރައީސް ވިދާޅުވިއެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ދުވަސްކޮޅު، އޭރު އޮތް އެމްޑީޕީގެ ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރިއެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުވަރީ މަހު މި ސަރުކާރުން އެ އަގު 20އަށް ދަށްކުރީއެވެ.

ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް މިފްކޯއިން މަސް ގަންނަ ގޮތަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހެވެ.

މިފްކޯއިން ބުނީ އޭރު މަސް ކިލޯއެއް 20 ރުފިޔާއަށް ގަންނަމުންދާ ގޮތަށް، ބާޒާރުގެ އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން ކަމަށެވެ.

ބާޒާރުގެ އަގަށް މަސް ގަންނަން ފެށުމުން މަހުގެ އަގު ވަރަށް ބޮޑަށް ވެއްޓުނެވެ. އެގޮތުން ދޮޅު ކިލޯ މަހުގެ އަގު އާންމު ގޮތެއްގައި އަރަނީ 16 ރުފިޔާއަށެވެ.

comment ކޮމެންޓް