ހީނާ އަތުން 10 މިލިއަން ހޯދަން ސަލީމް ކުރި ދައުވާ ނިމުނީ ހީނާއަށް 15،000 ދައްކާގޮތަށް

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާއާއި ކުރީގެ މެންބަރު ސަލީމް: ސަލީމް، ހީނާއަށް 15،000 ރުފިޔާ ދައްކަން ވަނީ ހުކުމްކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ތަރުޖަމާނު، އަދި ކުރިން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދާއި ދިޔަރެސް މީޑިއާ އަތުން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅި މައްސަލައިގައި ހީނާ ވަލީދަށް 15،000 ރުފިޔާ ދައްކަން ސަލީމްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ހީނާއާއި ދިޔަރެސް އަތުން 10 މިލިއަން ރުފިޔާ ހޯދަން ސަލީމް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ، 2022 ވަނަ އަހަރެވެ.

އެ އަހަރުގެ އޮގަސްޓް މަހު ސިވިލް ކޯޓުގައި ރަޖިސްޓްރީކުރި މި މައްސަލައަކީ، ސަލީމް އެއް ޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ބުނެ، "ދިޔަރެސް" ނޫހުގައި ލިޔެފައިވާ ލިޔުމަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ. އެ ކަމާ ގުޅިގެން އެ ނޫހުގެ މަސްއޫލުވެރި ފަރާތުގެ ހައިސިއްޔަތުން ދިޔަރެސް މީޑިޔާގެ މައްޗަށް، އަދި އެ ނޫހުގެ އެޑިޓަރުގެ ހައިސިއްޔަތުން ސ. ހިތަދޫ، ސަންސެޓްވިލާ ހީނާ ވަލީދުގެ މައްޗަށް ގެއްލުމުގެ ބަދަލު ހޯދަން ސަލީމް ވަނީ ހުށަހަޅާފައެވެ.

މީގެ ތިން އަހަރު ކުރިން ސަލީމް ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވަނީ ދިޔަރެސް ނުހޫގައި ލިޔެފައިވާ ލިޔުމެއްގައި ލިޔެފައިވާ ލިޔުންތަކަކީ، ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށާއި، އެކަން އެ ނޫހުން ކުރީ އޭނާގެ އަގު ވައްޓާލުމުގެ ބޭނުމުގައި ކަމަށެވެ.

"އެ ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ވީޑިއޯއަކާ ހަވާލާދީ، އެ ވީޑިއޯއިން ނުފެންނަ މީހަކީ އަހްމަދު ސަލީމްކަމަށް ލިޔެފައިވާއިރު، އެ ވީޑިއޯއިން ފެންނަކަމަށް ބުނާ ފަރާތާއި އެކަމުގެ ހަގީގަތް ސާފުކުރުމުގެގޮތުން ސުވާލެއް ވެސް ކޮށްލުމެއް ނެތި، އެ ލިޔުން ލިޔެފައިވަނީ، އެއްވެސް ޒިންމާދާރުކަމެއް އިންސާފުވެރިކަމެއް ނެތް ގޮތެއްގައި،" ސަލީމް ހުށަހެޅި މައްސަލައިގައި ވަނީ ބުނެފައެވެ.

އަދި، އެ ދުވަހު ލިޔެފައިވާ ލިޔުމުގެ ސަބަބުން އޭނާއަށް ގެއްލުންތަކެއްވެފައިވުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާކުރާ ކަމަށް ސަލީމް ހުށަހެޅި މައްސަލައިގައި ވަނީ ބުނެފައެވެ.

މި މައްސަލަ ސަލީމްގެ ފަރާތުން މިހާރު އުވާލެވިފައިވާ މީޑިއާ ކައުންސިލަށް ހުށަހެޅިކަން ފާހަގަކޮށް، ހީނާގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ މީޑިއާ ކައުންސިލްގައި އެ ޝަކުވާ އުފުލާފައިވަނީ ޝަރީއަތުން އެ މައްސަލަ ކާމިޔާބު ނުވާނެތީ ކަމަށެވެ. އަދި، މީޑިއާ ކައުންސިލަށް ހުށަހެޅި ޝަކުވާގައި މި ދައުވާ ކުރިއަށް ނުގެންގޮސް ދޫކޮށްލުމަށް އިގުރާރުވެފައިވާ ކަމަށް ދިފާއުން ފާހަގަކުރިކަން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގެ ދިފާއުގައި ހީނާ ވަނީ ސަލީމްގެ ފަރާތުން ޝަރިއަތުގެ ޚަރަދު ނަގައިދިނުމަށް އެދިފައެވެ. މައްސަލަ ނިންމެވިއިރު ކޯޓުންވަނީ އެ ކަމަށް ރިއާޔަތްކޮށް، ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ސަލީމްގެ މައްޗަށް ހުކުމްކޮށްފައެވެ.

އެހެންވެ، އެ މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ހުކުމްކުރީ ސަލީމްގެ ފަރާތުން ހީނާއަށް 15،000 ރުފިޔާ ދެއްކުމަށެވެ. އަދި، މި މައްސަލައިގައި ސަލީމްގެ ފަރާތުން އެދުނު ފަރުވާތައް ނަގައިދެވެން ނެތް ކަމަށް އެ ހުކުމްގައި ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް