އިއްޔެ އެކަނި 54،000 ރުފިޔާ ޖޫރިމަނާއަށް ލިބޭ ވަރަށް ސައިކަލް ޓޯކުރި

ފުލުހުން އިއްޔެ މާލޭ މަގުތަކުން ސައިކަލްތަކެއް ޓޯ ކުރަނީ: އިއްޔެ އެކަކި 72 ސައިކަލް ޓޯ ކުރި-- ފޮޓޯ: ފުލުހުން

މާލޭ މަގުތަކުގައި ހިނގާ އުޅެން ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ ސައިކަލުތައް ޓޯކުރުމުގެ މަސައްކަތުގެ ތެރެއިން އިއްޔެ އެކަނި, 72 ސައިކަލް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ތޮއްޖެހި, ފުރިފައިވާ މާލޭގެ މަގުތައް ހަމަޔަކަށް އެޅުވުމުގެ ގޮތުން, ގަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް އަނެއްކާ ވެސް ޓޯ ކުރަން ފެށީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ. ފުލުހުން އެ ދުވަހު ބުނީ ޓޯ ކުރާނީ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް، ޚާއްސަކޮށް ކަފިހިހުރަސް މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ކަމަށެވެ.

ފުލުހުން އިއްޔެ މާލޭ މަގުތަކުން ސައިކަލްތަކެއް ޓޯ ކުރަނީ: އިއްޔެ އެކަކި 72 ސައިކަލް ޓޯ ކުރި-- ފޮޓޯ: ފުލުހުން

ފުލުހުން މިއަދު ބުނީ އިއްޔެ އެފަދަ 72 އުޅަނދު ޓޯ ކޮށްފައިވާ ކަމަށެވެ. ޓޯ ކުރާ އުޅަނދެއް އަނބުރާ ލިބޭނީ ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ ދެއްކުމުންނެވެ. އެހެންކަމުން އިއްޔެ ޓޯކުރި ސައިކަލްތަކުން އެކަނި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 54,000 ރުފިޔާ ލިބޭނެއެވެ.

އެހެން ގައުމުތަކާ ޚިލާފަށް ދިވެހި ރާއްޖޭގައި ކޮންމެ އަހަރަކަށް ވެސް ދައުލަތުގެ ބަޖެޓް ހަދާއިރު ލިބޭނެ ކަމަށް އަންދާޒާ ކުރާ އާމްދަނީގެ ތެރޭގައި އާއްމުން ޖޫރިމަނާ ކޮށްގެން ލިބޭނެ ކަމަށް އަންދާޒާ ކުރާ ފައިސާގެ އަދަދެއް ހިމަނައެވެ.

ވެރިރަށް މާލެ އާއި އެހެން ރަށްރަށުގައި ވެސް އުޅަނދު ދުއްވުމުގެ ހުއްދަ ސަރުކާރުން ދެނީ އަހަރީ ފީއާއި އެހެނިހެން ފީތަކެއް ނެގުމަށް ފަހުގައެވެ. އެ ފީތައް ކޮންމެ އަހަރަކު ނަގާއިރު އުޅަނދު ޕާކް ކުރާނެ ޖާގައެއް މާލޭގައި ހަދައިދީފައެއް ނުހުރެއެވެ. އަދި މާލޭގެ ގިނަ މަގުތަކަކީ އުޅަނދު ދުއްވަން އެކަށީގެންވާ މަގުތަކެއް ނޫނެވެ. އަޑިގުޑަން އެހާ ގިނައެވެ. މީގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ވެސް ކުރިމަތިވެއެވެ.

އުޅަނދުތަކުން ކޮންމެ އަހަރަކު ބޮޑު ފީއެއް ނަގާއިރު ޕާކް ކުރާނެ ޖާގަ ނުދައްކައި އުޅަނދު ފަހަރުގައި ސްޓިކާ ޖެހުމާއި ޓޯ ކުރުންފަދަ އަދަބުތައް ދައުލަތުން ދިނުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

ނަމަވެސް ގިނަ ސަރުކާރުތަކެއް ބަދަލު ވެގެން ދިޔައިރުވެސް މާލޭގެ ޕާކިން މައްސަލައާއި މަގުތައް ހަލާކުވުމުގެ މައްސަލައަށް ދާއިމީ ރަނގަޅު ހައްލެއް ހޯދައި ދެވިފައެއް މިހާތަނަކަށް ނެތެވެ.

comment ކޮމެންޓް