10 ގަޑިއިރު ފަހުން ދިއްދޫ "މެގަ ހޯރަ" ފުންކޮށްފި

ދިއްދޫ "މެގަ ހޯރަ" ބޯޓް ފުން ކުރުމަށް ހަރަކާޓްތެރިވަނީ-- ސަން ފޮޓޯ

އެތައް މިލިއަން ރުފިޔާގެ މުދަލާއި 61 މީހުންނާއެކު ދަތުރު ކުރަމުން ދަނިކޮށް ރޭ ފަރަށް އެރި, ދިއްދޫގެ "މެގަ ހޯރަ" ބޯޓް މިއަދު ހެނދުނު ފުން ކުރެވިއްޖެ ކަމަށް, އެ ބޯޓަށް އެހީތެރިވުމަށް ގޮސް އުޅޭ މީހުން ބުނެފިއެވެ.

މުދަލާއި މީހުން އުފުލަން ދިއްދޫގައި ދުއްވާ އެންމެ ބޮޑު ބޯޓް ކަމަށްވާ, "މެގަ ހޯރަ" ރޭ 11:00 ޖަހާކަންހާއިރު އަރާފައިވަނީ, ނ. ހޮޅުދޫ ކައިރި އޮންނަ އެ އަތޮޅު, ވަވަތިކުރޮޅިއަށެވެ.

އެ ބޯޓް ފަރަށް އެރީ މާލެއިން ވަރަށް ގިނަ އަދަދެއްގެ މުދާ ބަރުކޮށްގެން ދިއްދުއަށް ދަތުރު ކުރަމުން ދަނިކޮށެވެ.

ދިއްދޫ "މެގަ ހޯރަ" ބޯޓް ފުން ކުރުމަށް ހަރަކާޓްތެރިވަނީ-- ފޮޓޯ: އެމްއެންޑީއެފް

އެ ބޯޓް ފުން ކުރުމުގެ މަސައްކަތަށް ދިއްދޫގެ ތިން ދޯންޏާއި އެމްއެންޑީއެފްއިން ރެއިން ފެށިގެން ދިޔައީ ހަރަކާތްތެރިވަމުންނެވެ.

ފުންކުރުމުގެ މަސައްކަތުގައި އުޅޭ މީހަކު މިއަދު "ސަން" އަށް ބުނީ "މެގަ ހޯރަ" ބޯޓް އަރާފައިވަނީ އެ ފަރުގެ ކުޑަ ސަރަހައްދަކަށް ކަމަށެވެ. މިއަދު ހެނދުނު ދެ ދޯނީގައި ވައިޖަހައި ދަމައިގެން 9:30 ކަންހާއިރު އެ ބޯޓް ފުން ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"ފީނާ ބެލިއިރު ނެތް ބޯޓަށް ގެއްލުމެއް ވެފައެއް. އެހެންވެ ދިއްދުއަށް ދާން އެ ނައްޓާލީ މިހާރު. ވަރަށް މޫސުން ރީތި. ކަނޑު މަޑު. ހުރިހާ ކަމެއް ވެސް ރަނގަޅަށް ދިޔައީ," މިއަދު 9:36ގައި "ސަން" އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

https://www.sun.mv/211641

އެ ބޯޓް ފުން ކުރުމުގެ ކުރިން ރެއާއި މިއަދު ކުރި މަސައްކަތުން ވަނީ ބޯޓްގައި ހުރި ބައެއް މުދާ, މުދާ އުފުލާ ބޯޓަކަށް ނަގައިފައެވެ.

ބޯޓް ފަރަށް އެރިނަމަވެސް އަރިއަޅާލުން ފަދަ ކަމެއް ކުރިމައްޗެއް ނުވެއެވެ. އެހެންވެ ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ތިބީ ހަމަ ބޯޓްގައެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް މައުލޫމާތު ދިން މީހުން ބުންޏެވެ.

ދިއްދޫ "މެގަ ހޯރަ" ބޯޓް ފުން ކުރުމަށް ހަރަކާޓްތެރިވަނީ-- ސަން ފޮޓޯ

ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށުގެ މުދާ އުފުލާ އެންމެ ބޮޑު ބޯޓުގެ ގޮތުގައި މަޝްހޫރުވެފައިވާ 'މެގަ ހޯރަ' ބަންނަން ހަތް އަހަރު ހޭދަވި ކަމަށް އެނގިފައިވެއެވެ.

އެ ބޯޓުން ޚިދުމަތް ދޭން ފެށީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ.

comment ކޮމެންޓް