ހއ. ދިއްދޫގައި އެއްވެސް މުހިންމު ބޭނުމެއްނެތި، ރޭގަނޑު 9:00 ގެ ފަހުން ބެލެނިވެރިއަކާ ނުލައި 18 އަހަރުން ދަށުގެ ކުދިން ރަށުތެރޭގައި ހަރަކާތްތެރި ނުވުމަށް އެ ރަށު ކައުންސިލުން އެންގި އެންގުމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށާއި އޭގެ ނަތީޖާ ވަރަށް ވެސް ރަނގަޅު ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ދިއްދޫ ކައުންސިލްގެ އިދާރާއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، މިހާރަކަށް އައިސް އެއްވެސް ބޭނުމެއް ނެތި ރޭގަނޑު 9:00 ގެ ފަހުގައި، ބެލެނިވެރި ފަރާތެއް ނުވަތަ ބަލަދުވެރި ފަރާތެއް ނެތި އުމުރުން 18 އަހަރުން ދަށުގެ ކުދިން ރަށުތެރޭގައި ހަރަކާތްތެރިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި މިފަދަ ކަންކަމަކީ އިޖްތިމާއީ ގޮތުން ނޭދެވޭ އަސަރުތަކެއް ކޮށް، އަޚްލާޤީ ގޮތުން އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށްވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ދިއްދޫ ކައުންސިލްގެ ބައްދަލުކުރެއްވުމެއްގެ ތެރެއިން.... ފޮޓޯ/ ދިއްދޫ ކައުންސިލްމި އެންގުމާ ގުޅިގެން ރަށުގެ މަދަނީ ޖަމްޢިއްޔާތަކާއި، ފަންނީ ތަމްރީނުދޭ މަރުކަޒުތަކާއި، ތައުލީމުދޭ މަރުކަޒުތަކުން އަދި އެ ނޫން ވެސް ފަރާތްތަކުން 18 އަހަރުން ދަށުގެ ކުދިން ހިމަނައިގެން ހަރަކާތްތައް ރާވާ ހިންގުމުގައި މިކަމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.
މީގެއިތުރުން، އެއްވެސް މުހިންމު ބޭނުމެއްނެތި ކުދިން ރޭގަނޑު 9:00 ގެ ފަހުން މަގުމަތީގައި ނޫޅޭކަން ކަށަވަރުކޮށް ބެލެހެއްޓުމަށް ހުރިހާ ބެލެނިވެރިންނަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކައުންސިލުން ކުރި އިލްތިމާސަށް އެއްބާރުލުން ލިބޭ މިންވަރާ ގުޅޭގޮތުން ދިއްދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޒާހިރު "ސަން" އަށް ވިދާޅުވީ، ކައުންސިލްގެ އެންގުމަށް ބެލެނިވެރިންނާއި ކުދިންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ކުރި އިލްތިމާސަށް ބޮޑު ތަރުހީބެއް އެބަ ލިބޭ. ނަތީޖާ ވެސް ވަރަށް ރަނގަޅު،" ޒާހިރު ވިދާޅުވިއެވެ.
ދިއްދޫ ކައުންސިލުން އިތުރަށް ފާހަގަކުރި ގޮތުގައި، ގައުމު ބިނާކުރުމުގައި ޢާއިލާގެ ދުޅަހެޔޮކަން ގާއިމުކޮށް، އަންނަން އޮތް ޖީލުތައް ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ އެންމެންގެ ފަރުދީ ޒިންމާއެކެވެ.
އަދި ކުޑަކުދިންގެ ޖިސްމާނީ، ނަފްސާނީ، ރޫޙާނީ، ފިކުރީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ..
އަތޮޅު ތެރޭގެ ރަށްރަށުގައި ކުޑަކުދިން އެކަނި މަގުމަތީ އުޅުމަކީ ޒަމާނުއްސުރެ ވަރަށް އާދައިގެ އާންމު ކަމެކެވެ. ރަށްރަށުގައި ވެހިކަލްގެ ތޮއްޖެހުން ކުޑަވުމާއި، މަގުމަތީގައި ރައްކާތެރި އަމާން މާހައުލެއް ގާއިމްވެފައި އޮތުމަކީ މީގެ އެއް ސަބަބެވެ.
ނަމަވެސް ރޭގަނޑުގެ ލަސް ވަގުތުތަކުގައި އެކަނި ކުދިން ބޭރަށް ނިކުތުން ހުއްޓުވުމަކީ ކަމާ ބެހޭ އިދާރާތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަޅަން އެދޭ ކަމެކެވެ.