އަކްޝޭއަކީ 'މަނީ މައިންޑެޑް' މީހެކޭ ބުނުމުން ރައްދު ދީފި

ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރު--ފޮޓޯ/ހިންދުންސްތާންޓައިމްސް

ބޮލީވުޑްގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ތެރޭ ހިމެނޭ އަކްޝޭ ކުމާރަކީ ހަމައެކަނި ފައިސާއަށް އިސްކަންދޭ އެކްޓަރެއް ކަމަށް ބުނާ މީހުންނަށް އެކްޓަރު ރައްދު ދީފިއެވެ.

'އާޕްކީ އަދާލަތު' ޝޯގައި އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން އަކްޝޭ ބުނީ, އޭނާއަކީ ކުރާ މަސައްކަތުން އެންމެ ރަނގަޅު އާމްދަނީއެއް ލިބޭ އެކްޓަރެއް ކަމަށެވެ.

ނަމަވެސް, އަކްޝޭ އާމްދަނީ ހޯދަނީ ވައްކަންކޮށްގެން ނޫން ކަމަށާއި މަކަރާއި ހީލަތުން ނޫން ކަމަށް ވަނީ ބުނެފައެވެ. އަކްޝޭއަކީ 'މަނީ މައިންޑެޑް' މީހެއް ކަމަށް ސިފަކުރާ މީހުންނަށް ބުނެލަން އޮތީ ފާއިތުވެދިޔަ އަށް އަހަރު ތެރޭ އެންމެ ގިނަ ޓެކްސް ސަރުކާރަށް ދެއްކީ އަކްޝޭ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އާއްމުންގެ ތެރެއިން ބަޔަކު އެ ސިފަކުރާ 'މަނީ މައިންޑެޑް' މީހެއް ނަމަ ޓެކްސްގެ ގޮތުގައި އެހާ ގިނަ އަދަދެއްގެ ފައިސާ ސަރުކާރަށް ނުދައްކާ އެކަމުން ރެކިގަނެވޭނެ މަގު ވެސް އޭނާ ހޯދީސް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރު އަރުޝަދު ވަރުސީއާ އެކު ފިލްމު "ޖޮލީ އެލްއެލްބީ 3"ގެ މަންޒަރެއްގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް

ފައިސާއަކީ ދިރިއުޅުމުގައި ވަރަށް މުހިއްމު ޒަރޫރީ އެއްޗެއް ކަމަށާއި އަކްޝޭއަށް މިހާތަނަށް ބޭނުންވާ މިންވަރަށްވުރެ މާ ގިނައިން ވެސް ފައިސާ ލިބިފައި އެބަހުރި ކަމަށް ދާދި ފަހުން ރިލީޒްކުރި ފިލްމު "ޖޮލީ އެލްއެލްބީ 3"ގެ އެކްޓަރު ވަނީ ބުނެފައެވެ.

އެހެންނަމަވެސް، ލިބޭ އާމްދަނީއިން ޓެކްސް ދެއްކުމަށް ފަހު ފައިސާގެ ބޭނުންޖެހިފައިވާ ގިނަ ބަޔަކަށް އޭނާ އެހީތެރިވެދޭ ކަމަށާއި އެއީ އޭނާއަށް ދަސްވެފައި ހުރި ވަރަށް ރަނގަޅު އާދަތައް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އެހެންވެ، އަކްޝޭއާ ބެހޭގޮތުން މީހުން ދައްކާ އެފަދަ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި ކިތަންމެ ރަނގަޅަށް ކަންކަން ކުރިޔަސް މީހުން ފާޑުނުކިޔާނެ ގޮތެއް ނޯންނާނެ ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.

comment ކޮމެންޓް