އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލަން އިނގިރޭސިވިލާތާއި ޖަރުމަނު އަދި ފްރާންސުން މަސައްކަތްކުރާތީ، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ)އަށް އެއްބާރުލުން ނުދޭނެ ކަމަށް އީރާނުގެ އެންމެ މަތީ ސަލާމަތީ އިދާރާއިން ހާމަކޮށްފިއެވެ.
އީރާނުގެ ގައުމީ ސަލާމަތުގެ އެންމެ މަތީ މަޖިލީހުން އެގޮތަށް ބުނެފައިވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދާއިމީ ގޮތެއްގައި އުވާނުލުމަށް އދ ގެ ސަލާމަތީ މަޖިލީހުން ފާސްކުރުމުންނެވެ.
ސަލާމަތީ މަޖިލީހުން އެގޮތަށް ފާސްކޮށްފައިވަނީ އިނގިރޭސިވިލާތާއި ފްރާންސް އަދި ޖަރުމަނުން ބުނާ ގޮތަށް އީރާނުން ޑިމާންޑުތައް ފުއްދައި ނުދޭނަމަ، ދަތިކުރުމުގެ ފިޔަވަޅުތައް އަލުން ގާއިމުކުރުމަށް އޮގަސްޓް މަހު ފަހުކޮޅު 30 ދުވަހުގެ ޕްރޮސެސްއެއް ފަށާފައިވަނިކޮށެވެ.
ރައީސް މަސޫދު ޕެޒެޝްކިއަންގެ ރިޔާސަތު ބަލަހައްޓަވާ އީރާނުގެ އެންމެ މަތީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ އީ3ގެ ނަމުން މަޝްހޫރު ޔޫރަޕްގެ ތިން ގައުމުން އެޅި ފިޔަވަޅަކީ ނުވިސްނާ އަޅާފައިވާ ފިޔަވަޅެއް ކަމަށް ބުނެފައެވެ. އެއާއެކު ބައިނަލްއަގުވާމީ ގަވާއިދުތަކަށް އަމަލުކުރާކަން ކަށަވަރުކުރުމުގެ މަގުސަދުގައި އައިއޭއީއޭއާ އެކު މަސްތަކެއް ވަންދެން ކުރި މަސައްކަތަށް ބުރޫއަރާފައިވާ ކަމަށް އީރާނުން ވަނީ ބުނެފައެވެ.
"އީރާނުގެ ޚާރިޖީ ވުޒާރާއިން އައިއޭއީއޭއާ ގުޅިގެން ނިއުކްލިއާ މައްސަލައަށް ހައްލެއް ހޯދައިދިން ނަމަވެސް، ޔޫރަޕްގެ ގައުމުތަކުގެ އަމަލުތަކުގެ ސަބަބުން އެޖެންސީގެ އެއްބާރުލުން ހުއްޓުމަކަށް އަންނާނެ،" ކައުންސިލުން ބުންޏެވެ.
މި މަހުގެ ކުރީކޮޅު އީރާނާއި އައިއޭއީއޭއިން ވަނީ މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި ބައްދަލުވުމަކަށް ފަހު އީރާނުގެ ނިއުކްލިއާ ސައިޓްތަކުގައި އިންސްޕެކްޝަންތައް އަލުން ފެށުމާ ބެހޭ އެއްބަސްވުމަކަށް އައިސްފައެވެ.
ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ)ގެ ދަށުން އީރާނާއި ޗައިނާ، ރަޝިޔާ، އެމެރިކާ އަދި އީ3 އިން ސޮއިކުރި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ބަދަލުގައި ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލާނެ ކަމަށް އީރާނުން އެއްބަސްވެފައިވާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް, އެ އެއްބަސްވުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި 2018 ވަނަ އަހަރު އިރާނާ ދެކޮޅަށް ޓްރަމްޕް ދަތުކުރުމުގެ ފިޔަވަޅު އެޅުމުން އެ އެއްބަސްވުން އުވުނެވެ.
ނަމަވެސް، އީ3 އިން ތުހުމަތުކުރަނީ އިރާނުން ނިއުކްލިއާ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ޖޮއިންޓް ކޮމްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ)ގެ ދަށުން ހުއްދަ ކުރާ މިންވަރަށް ވުރެ 40 ގުނަ އިތުރަށް ޔޫރޭނިއަމް ސްޓޮކް ފައްކާކޮށްފައިވާ ކަމަށެވެ.