ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ފުޅާވެފައިވާ ކ. މާފުށީ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް ވަގަށް ނެގުމުން ހޯދަމުން ދަނިކޮށް މާލޭ ފަޅުގައި އަޅާފައި އޮއްވައި ފެނިއްޖެއެވެ.
ރޭ 20:00 ޖަހާކަންހާއިރު މާފުށިން ގެއްލިފައިވަނީ "ތޭރަވާ" ކިޔާ, 16 މީހުންގެ ޖާގައިގެ ލޯންޗެކެވެ. އެއީ، މާފުށީގައި ފުޅާ ދާއިރާއެއްގައި ލޯންޗުގެ ޚިދުމަތްދޭ "ޓްރިޓޮން ހޮޓެލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް"ގެ ލޯންޗެކެވެ.
އެ ކުންފުނީގެ ވެރިއަކު މިއަދު "ސަން"އަށް ބުނި ގޮތުގައި ލޯންޗު ވަގަށް ނެގިކަން އެނގުނީ ރޭ މާ ބާރަށް ފަޅުތެރެއިން ނުކުމެގެން ދިޔަކަމުގެ މައުލޫމާތު ލިބުމުން އެކަން ބެލިބެލުމުގެ ތެރެއިން ކަމަށެވެ. އާއްމުކޮށް އެ ރަށުގެ ފަޅުތެރޭގައި ލޯންޗު ފަހަރު އެހާ ބާރަށް ނުދުއްވާ ކަމަށް އޭނާ ބުންޏެވެ.
"އެހެންވެ ޓްރާންސްޕޯޓް ޑެސްކުން ބެލިއިރު އެނގުނީ އެ ގަޑީގައި މިކޮޅުގެ ދަތުރެއް ނެތްކަން. މިކޮޅު ކެޕްޓަނުންނާއި ކުރޫއިން ވެސް ތިބީ މިކޮޅުގައި. ވަރަށް ބޮޑު ނުރައްކަލެއް މިއީ މިހާ ބޮޑެތި އެއްޗެހި ވަގަށް ނަގާނަމަ," އޭނާ ބުންޏެވެ.

ރޭ ވަގަށް ނެގި ތޭރަވާ ލޯންޗް: އެ ލޯންޗު ފެނުނީ މާލޭ ފަޅުގައި އޮއްވައި--
އޭނާ ބުނި ގޮތުގައި އެ ރަށު ފަޅުތެރޭގައި އާއްމުކޮށް ވެސް ލޯންޗް ފަހަރު ބަހައްޓާފައި ހުންނަނީ ތަޅުދަނޑި ޖަހާފައި ކަމަށެވެ. ސަބަބަކީ އަލިފާނުގެ ހާދިސާއެއްފަދަ ކަމެއް ހިނގައިފިނަމަ ކޮންމެ މީހަކަށް އަރައި ވެސް ލޯންޗު ދުރަށް ޖެއްސުމުގެ ފުރުސަތު ދިނުމަށް ކަމަށް އޭނާ ބުންޏެވެ.
"މި ރަށުގައި މި ކަހަލަ ވައްކަންތަން ނުހިނގާ މީގެ ކުރިއަކުން. މިހެން ތަޅުދަނޑި ޖަހާފައި ހުރިހާ ލޯންޗެއްގައި ވެސް ހުންނާނީ," އޭނާ ބުންޏެވެ.
އެ ލޯންޗް މިއަދު މެންދުރު ފެނިފައިވަނީ މާލޭ ދެކުނު ފަރާތު ބަނދަރުގައި އޮއްވައި ކަމަށް އޭނާ ބުންޏެވެ. ލޯންޗަށް އަރަން ފުލުހުން އަދި ހުއްދަ ނުދޭތީ ގެއްލުމެއް ލިބިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ނޭނގޭ ކަމަށް އޭނާ މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
މިދިޔަ އަހަރު ވެސް މިފަދަ މައްސަލައެއް ފެންމަތިވިއެވެ. އެ ފަހަރު ސިނަމަން ވެލި ފުށި ރިސޯޓްގެ ލޯންޗެއް, މެދު ރާއްޖެތެރޭ ރަށެއްގެ ފަޅުގައި އަޅާފައި އޮއްވައި ވަގަށް ނަގައިގެން އެކަނި ދުއްވާފައި މާލެއައި 14 އަހަރުގެ ފިރިހެން ކުއްޖެއްގެ މައްސަލަ ފެންމަތިވިއެވެ.