މާފުށީ ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވަން، ޖަލަށް ޒިޔާރަތް ކުރާ މީހުން ގެންދާ ތަކެތި ސްކޭން ކުރެވޭ ގޮތަށް ބޮޑީ ސްކޭނިން މެޝިނެއް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީތާ އަހަރަކަށް ވުރެން ގިނަ ދުވަސް ވެފައިވާއިރު, އަދި އެ މެޝިން ހަރު ކޮށްފައި ނުވާ ކަމަށް, ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނެފިއެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު, މިނިސްޓަރު އިހުސާން, ވިދާޅުވީ މީހުންނަށް އޮޅުވާލައިގެން ފައިސާ އަތުލުމަށް ކުރާ ސްކޭމް ކޯލްތައް އާންމުކޮށް ގައިދީންގެ ފަރާތުން އަންނަ ކަމަށާއި އެހެންވެ، ޖަލަށް ފޯނު ފަދަ މަނާ ތަކެތި ވެއްދުން ހުއްޓުވަން ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން، އެ މަހު މާފުށީ ޖަލުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފައިވާ ކަމަށާއި ބޮޑީ ސްކޭނިން މެޝިނެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ އެ ދުވަހު ވިދާޅުވިއެވެ.
އޭގެ ފަހުން އެއް އަހަރާއި 83 ދުވަސްވެފައިވާއިރު މި ފަހުން ވެސް މާފުށީ ޖަލުން ގިނަ އަދަދެއްގެ ފޯނު ވަނީ ހޯދައިފައެވެ.
ބޮޑީ ސްކޭނިން މެޝިން ބެހެއްޓުމުގެ ތަފްސީލެއް ހޯދާލުމަށް މިއަދު "ސަން" އިން ކަރެކްޝަންސްއަށް ގުޅާލުމުން އެ އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދި އެ މެޝީންތައް ނުބެހެއްޓޭ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެކަން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މަސައްކަތް ނިމޭނެ ވަކި ތާރީހެއް ކަރެކްޝަންސްއިން އަދި ނުދެއެވެ.
ޖަލުން ސްކޭމް ކުރުން ހުއްޓުވުމަށް، ފޯނުން ނުގުޅޭ ގޮތް ހަދަން ޖޭމަރު ހަރުކުރުމަކީ އެހެން ބައެއް ގައުމުތަކުގައި ކުރާ ކަމެއް ކަމަށްވާއިރު، އެކަން ނުކުރަނީ ކީއްވެގެންތޯ "ސަން"އިން ވަނީ ހޯމް މިނިސްޓްރީއާ ސުވާލުކޮށްފައެވެ.
އެ މިނިސްޓްރީގެ އޮފިޝަލް މިދިޔަ ހަފުތާގައި "ސަން"އަށް ވިދާޅުވީ ޖަލުގައި ޖޭމަރު ހަރުކުރުމުން މާފުއްޓާއި އެ ރަށް ކައިރީ އޮންނަ ހިސާބުތަކުގެ ސިގްނަލް ވެސް ކެނޑޭ ކަމަށެވެ. އެހެންވެ، އާ ބޮޑީ ސްކޭނާއެއް ގެނެސްގެން ހަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް އެ ދާއިރާގެ ފަންނީ ބޭފުޅުން ވަނީ، ބޭނުން ހިސާބަކަށް ދޫކޮށްފައި ހުންނަ ފްރެކުއެންސީ ބްލޮކްކުރެވޭ ގޮތަށް، އެކިވަރުގެ ޖޭމަރު ހުންނަކަން ފާހަގަކޮށްފައެވެ. އެގޮތަށް، ޖަލުގެ ވަކި ހިސާބަކަށް ރޭންޖު ކެނޑޭ ގޮތަށް ވެސް ޖޭމަރު ހަރު ކުރެވޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެއެވެ.
ޒަމާނުންސުރެއް ކުރެވޭ ބޮޑު ތުހުމަތެއް އޮވެއެވެ. އެއީ ފޯނު ވައްދައިދިނުމުގެ ފަހަތުގައި ތިބެނީ ޖަލު ބަލަހައްޓަން ތިބޭ އޮފިސަރުންނާއި އެ މީހުންގެ ވެރިންކަމެވެ. އެކި ބްރޭންޑްގެ ފޯނު ވައްދައި ދެނީ އެކި އަގުތަކަށް ކަމަށާއި މިއީ ބައެއް އޮފިސަރުން ވަރަށް ބޮޑު ނަފައެއް ހޯދާ ކަމެއް ކަމަށް ތުހުމަތުކުރެއެވެ.
މި ތުހުމަތަށް ބާރު ލިބޭ ހެކިތަކެއް މީގެ ކުރިން ހާމަ ކުރެއްވީ އެ ބޭފުޅަކު ހަވާލުވެ ހުންނެވި މިނިސްޓްރީއެއްގެ ދަށުން ކަރެކްޝަނަލް ސާވިސް ހިންގާ, ހޯމް މިނިސްޓަރު އިހުސާނެވެ. ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން އެކި ފަހަރު މަތިން 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައިގައި ޖުމުލަ 18 ޖަލު އޮފިސަރުން ހިމެނޭ ކަމަށް ވިދާޅުވީ, މިދިޔަ ޖޫން މަހު ފުލުހުންގެ ހިންގި ޚާއްސަ އޮޕަރޭޝަނަކަށް ފަހުގައެވެ. އެ ޖަލު އޮފިސަރުންގެ ފޮޓޯއާއެކު ވަނަވަރު ވެސް ހާމަ ކުރެއްވެވިއެވެ. އަދި ހެކި ހުރުމުން ދައުވާ ވެސް އުފުލިއެވެ.
މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދަން ހިންގާ ސްކޭމު ކޯލުތައް ޖަލުން ކުރާ ކަމަށް ފުލުހުން ވެސް ބުނާއިރު މިފަދަ ސްކޭމުތަކުގެ ސަބަބުން އެތައް ބަޔަކު ބުރަ މަސައްކަތުން ހޯދާފައިވާ އެތައް މިލިއަން ރުފިޔާއެއް ފޭރިގެންފައި އެބަހުއްޓެވެ.