ދިވެހިރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ހިންގިކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ ޖުމުލަ 32 އަހަރަށް ޖަލަށްލާފައި ހުރި ބައްސާމް އަދީލް ޖަލީލް ގޭ ބަންދަށް ބަދަލު ކުރުމަށް ފަހު މާ ގިނައިރު ތަކެއް ނުވަނީސް އަނެއްކާ ވެސް ޖަލު ބަންދަށް ބަދަލު ކޮށްފިއެވެ.
ކޮރަޕްޝަންގެ ހަތަރު ދައުވާއެއް ސާބިތުވެފައިވާ ބައްސާމް ގޭ ބަންދަށް ބަދަލު ކުރީ އިއްޔެ މެންދުރެވެ. އެ ޚަބަރު ރޭ ނޫސްތަކަށް އެރުމުން އާއްމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަޙްމަދު މިއަދު "ސަން" އަށް ވިދާޅުވީ ބައްސާމް އިއްޔެ, ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރީ އޭނާ ހެދި ސާޖަރީއަކަށްފަހު ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ. އެކަން ކުރީ ކަރެކްޝަނުން އެފަދަ ހާލަތުގައި އަމަލު ކުރަން އޮންނަ ގަވާއިދާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިހާރު ޖަލުގައި ބަހައްޓައިގެން ސާޖަރީ އަށްފަހު ދޭ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހުމުން ބައްސާމް ވަނީ ޖަލަށް ބަދަލުކޮށްފައި ކަމަށް ޔުސްރީން ވިދާޅުވިއެވެ.
އެފްއޭއެމްގެ ރައީސްކަމުގައި ހުރިއިރު އެ އެސޯސިއޭޝަނަށް ލިބުނު ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވީކަމުގެ ތުހުމަތު ބައްސާމަށް ވަނީ އަމާޒުވެފައެވެ. އެ ފައިސާއިން އޭނާ ހުޅުމާލެއިން އެޕާޓްމަންޓެއް ވެސް ގަނެފައިވާ ކަމަށް ދައުލަތުން އުފުލި ދައުވާތަކުގައި ވެއެވެ.
ބައްސާމަށް އިއްވާފައިވަނީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއި ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފަންޑު އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނާތްވި މައްސަލާގައި އިއްވި 23 އަހަރުގެ ޖަލު ހުކުމެކެވެ.