މަސްތުވާތަކެއްޗާ ދެކޮޅަށް ކ. ކާށިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ރަށު ވަލުތެރެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެ ރަށުގެ ފުލުހުންގެ އިދާރާއިން ހިންގަމުން އަންނަ އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެއީ ކާށިދޫ، ޝަރަފް / ސާލިމް ނަސީރު (43އ) އާއި އެ ރަށު ސާދާގޭ އަހްމަދު ފިރާގު (46އ)އެވެ.

ކާށިދޫގެ ވަލުތެރެއިން ފުލުހުން ހޯދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓުތަކާއި ޑެއިލީ ހުސްކުރި ޕެކެޓެއް --- ފޮޓޯ: ފުލުހުން
ފުލުހުން ބުނީ، އެ ދެމީހުން ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެރޭގެ ވަގުތެއްގައި ކާށިދޫގެ އުތުރު އަވަށު ވަލުތެރެއިން ކަމަށެވެ.
އެ ދެމީހުން ހައްޔަރުކޮށް، އެ މީހުންގެ ހަށިގަނޑާއި އެ މީހުން އެ ވަގުތު ތިބި ތަން ބަލައި ފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި، ބަރުދަނުގައި 10.6 ގްރާމްގެ، 110 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފިރާގަށް ހަތް ދުވަސް ޖެހިއިރު، ސާލިމްގެ ބަންދަށް 10 ދުވަސް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކާށިދޫ ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހްގީގުކުރަމުންނެވެ.