ޝްރައްދާއަށް އިންޑިއާގެ ސަޤާފަތާ ގުޅޭ ތާރީޚީ ފިލްމެއް

ބޮލީވުޑް ބަތަލާ ޝްރައްދާ ކަޕޫރު--ފޮޓޯ/އެންޑީޓީވީ

ބޮލީވުޑްގެ ބަތަލާ ޝްރައްދާ ކަޕޫރު ކުޅަދާނަ ފިލްމު ޑައިރެކްޓަރު ލަކްސްމަން އުތޭކަރު އުފައްދާ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޗާވާ"ގެ ޑައިރެކްޓަރު އަނެއްކާ ވެސް ތައްޔާރުވަނީ އިންޑިއާގެ މަހާރަޝްތްރިއަން ސަގާފަތާއި ތާރީޚު ސިނަމާއަށް ގެނެސްދިނުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން ވަގުތީ ގޮތުން ފިލްމަށް ދެވިފައިވާ ނަމަކީ "އައިޓީއޭ"އެވެ. ފިލްމުގައި ޝްރައްދާ ފެންނާނީ ވެސް ވަރަށް ތާރީޚީ ރޯލަކުން ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

މި ފިލްމަކީ ލަކްޗަމްނގެ ކެރިއަރުގެ އެންމެ މުހިއްމު އެއް ފިލްމު ކަމަށާއި ފިލްމު އުފައްދަން ނިންމާފައިވަނީ ވެސް ޤައުމީ ފެންވަރެއްގައި އެކަން ފާހަގަކުރެވޭނެ ފަދަ ގޮތަކަށް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

ބޮލީވުޑް ބަތަލާ ޝްރައްދާ ކަޕޫރު އަދި ފިލްމު ޕްރޮޑިއުސަރު ލަކްސްމަން އުތޭކަރު--ފޮޓޯ/އެންޑީޓީވީ

ހަމައެއާއެކު ބަތަލާ ޝްރައްދާ ފިލްމުގައި ކުޅޭނެ ކެރެކްޓާއަކީ ވެސް އިންޑިއާގެ މަހާރަޝްތުރާގެ ތާރީޚުގައި ގެނެސްދެވޭނެ އެންމެ މުހިއްމު އެއް ކެރެކްޓާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމުގައި ޝްރައްދާ ކުޅޭ ރޯލްގައި އިންޑިއާގެ ސަޤާފީ ނެށުންތަކެއް ދައްކުވައިދޭން ޖެހޭތީވެ ބަތަލާ އެކަމަށް ޚާއްސަ ނެށުމުގެ ތަމުރީނުތަކެއް ވެސް ފުރިހަމަކުރާނެ ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

މި އަހަރުގެ ނޮވްންބަރު މަހުތެރޭ މި ފިލްމުގެ އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައްވަމުން އަންނައިރު ލަކްސްމަންގެ ޓީމުގެ އަމާޒަކީ އަންނަ އަހަރުގެ ފަހުކޮޅު ފިލްމު ސިނަމާތަކަށް ގެނެސްދެވޭވަރު ކުރުމެވެ.

ނަމަވެސް، ފިލްމު ރިލީޒްކުރުން އެއަށްވުރެ ލަސްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު "މިމީ"، "ތޭރީ ބާތޯ މެ އޭސަ އުލްޖާ ޖިޔާ" އަދި "ތަޕާލް" ފަދަ ފިލްމުތައް ގެނެސްދީފައިވާ ލަކްސްމަން އަންނަނީ ކުޅަދާނަ ފިލްމު ޕްރޮޑިއުސަރު ދިނޭޝް ވީޖަންއާ އެކު ހިންދީ މަރާތީ ސިނަމާގެ ތަރިންގެ އުފެއްދުންތައް ބެލުންތެރިންނަށް ގެނެސްދިނުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ބޮކްސް އޮފީހުގެ ރިކޯޑު މުގުރާލި ފިލްމު "އިސްތިރީ 2"އިން އެންމެފަހުން ފެނުނު ބަތަލާ ޝްރައްދާ ވަނީ އެ ފްރެންޗައިސްގެ ތިންވަނަ ފިލްމަށް ވެސް ސޮއިކޮށްފައެވެ. ނަމަވެސް، އެ ފިލްމުގެ މަސައްކަތް ފެށޭނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

comment ކޮމެންޓް