ގެއަށް މީހުން ގެނައުމަކީ ކުރާހިތްވާ ކަމެއް ނޫން ކަމަށް ޝިލްޕާ ބުނުމުން ގިނަ ބަޔަކު ފާޑުކިޔައިފި

ބޮލީވުޑް ބަތަލާ ޝިލްޕާ ޝެޓީ--ފޮޓޯ/ފިލްމުފެއަ

އިންޑިއާގެ މަޝްހޫރު ކޮރިއަގްރާފަރު އަދި ފިލްމު ޑައިރެކްޓަރު ފަރާ ޚާން ގެނެސްދޭ ޔޫޓިއުބް ޝޯގައި ބަތަލާ ޝިލްޕާ ޝެޓީ ދެއްކި ވާހަކަތަކަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ޝިލްޕާއަށް އަމާޒުވެއްޖެއެވެ.

ފަރާ ޚާން އާއި އޭނާގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ދިލިޕް އެކީގައި ހޯސްޓުކުރާ ޝޯގެ ގިނަ އެޕިސޯޑުތައް ގެނެސްދެނީ ޝޯގައި ބައިވެރިވާ މެހެމާނުންގެ ގޭގައެވެ.

ބައެއްފަހަރު އެ މެހެމާނުންގެ ގޭގޭގެ ބަދިގޭގައި ފަރާ އާއި ދިލިޕް ކެއްކުމުގެ ބައެއް ވެސް ކުރިއަށްގެންދެއެވެ. ނަމަވެސް ޝިލްޕާ އާއި ފިރިމީހާ ރާޖް ކުންދްރާ ބައިވެރިވި ޝޯގައި ތަކުރާރުކޮށް ބުނެފައި ވަނީ ގެއަށް ދައުވަތުދީގެން މީހުން ގެނައުމަކީ އެ މީހުން އެހާ ކުރާހިތްވާ ކަމެއް ނޫން ކަމަށެވެ.

ޑައިރެކްޓަރު އަދި ޝޯ ހޯސްޓު ފަރާ ޚާން، ފިލްމީ ތަރި ޝިލްޕާ ޝެޓީ ފިރިމީހާ ރާޖް ކުންދްރާ--ފޮޓޯ/ޕިންކްވިލާ

އޭގެ ސަބަބުން ފައްސިވެފައިވާ ގޭތެރޭގެ މާހައުލަށް ބޮޑު ބަދަލުތަކެއް އަންނަކަމަށް ގަބޫލުކުރާ ކަމަށާއި އެހެންވެ އެއްވެސް ގޮތަކަށް ޝިލްޕާމެން ދިރިއުޅޭ ގެއަށް މީހުން ނުގެންނަ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އަދި ފަރާ އާއި ދިލިޕް އަކީ އެގޮތުން ބަތަލާ ދައުވަތު ދިން ފުރަތަމަ މީހުން ކަމަށް ޝިލްޕާ ވަނީ ބުނެފައެވެ.

ޝިލްޕާ މިގޮތަށް ބުނުމާ ވިދިގެން ވަރަށް ގިނަ ބަޔަކު ވަނީ ފަރާ ޚާންއަށް ވެސް ފާޑުކިޔާފައެވެ. އެގޮތުން ޝިލްޕާ ގެއަށް ދާ މެހެމާނުން ގާތު ނުސީދާކޮށް އެ ގެއަށް ނައުމަށް ބުނާއިރު ވެސް ފަރާ އާއި ދިލިޕް, ޝިލްޕާ ދިރިއުޅޭ ގެއަށް ދިއުމަކީ އެ ޝޯގެ ވެސް ހުރުމަތް ކެނޑުނު ކަމެއް ކަމަށާއި މިހާރު ޝޯ ބަލަން ފޫހިވެއްޖެ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

ފަރާގެ ޔޫޓިއުބް ޝޯތަކަކީ ވަރަށް ޝައުގުވެރިކަމާ އެކު ބަލާ ޝޯތަކެއް ކަމަށާއި ނަމަވެސް ފުރަތަމަ ފަހަރަށް އެ އެޕިސޯޑު ބެލުނު ކަމުގެ މޮޔަހީވެއްޖެ ކަމަށް ބުނެވެސް ބައެއް މީހުން ވަނީ ފާޑުކިޔައިފައެވެ.

ފަރާ އާއި ދިލިޕް ޝިލްޕާގެ އެޕިސޯޑެއް ޔޫޓިއުބް ޝޯގައި ގެނެސްދިނީ ޝިލްޕާގެ ފިރިމީހާ ރާޖް ކުންދްރާގެ ކުރިއަށް އޮތް ޕަންޖާބް ފިލްމެއްގެ ޕްރޮމޯޝަނާ ގުޅިގެންނެވެ. އެއިންވެސް ޝިލްޕާގެ އަމިއްލަ އެދުން ބޮޑު މިންވަރު ދޭހަވާ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

ދާދި ފަހުން ޝިލްޕާ އާއި ފިރިމީހާ ރާޖްގެ މައްޗަށް މުމްބާއީގެ ވިޔަފާރިވެރިޔާ ދީޕަކް ކޮތާރީ ވަނީ މަކަރާއި ހީލަތުގެ ތުހުމަތުކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ޝިލްޕާގެ ދެމަފިރިންނާ ގުޅިގެން ވިޔަފާރިއަކަށް އިންވެސްޓްކުރަން ހޯދި 60.4 ކްރޯޑް ރުޕީސް (6.9 މިލިއަން ޑޮލަރު) އަށް އެ މީހުން ވަނީ ހިޔާނަތްތެރިވެ، އެ ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށް އޮޅުވާލާފައިވެއެވެ.

ފަރާގެ ޝޯއަށް ރައްދުކޮށް ލިބެމުންދިޔަ ފާޑުކިޔުންތަކަށް ރައްދު ދެމުން ބުނެފައި ވަނީ، އިންޓަނެޓުންނާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފެންނަ ލިޔުންތައް ގަބޫލުނުކުރާ ކަމަށާއި ފަރާ ބައްދަލުވާ މީހުންނާ ރަހްމަތްތެރިންނާ މެދު ގޮތް ނިންމަނީ އެ ބަޔަކާ އެކު ވަގުތު ހޭދަކޮށް ކަމަށެވެ. އެހެންކަމުން ސޯޝަލް މީޑިއާއިން ފެންނަ ކޮންމެ ޚަބަރެއް ގަބޫލު ނުކުރުމަށް ފަރާ ވަނީ ސަޕޯޓަރުން ގާތު އެދިފައެވެ.

comment ކޮމެންޓް