ޝިލްޕާގެ ނަން ބޭނުންކޮށްގެން ހިންގަނީ ސްކޭމެއް

ބޮލީވުޑްގެ ކުރީގެ ބަތަލާ ޝިލްޕާ ޝެޓީ އިންޑިއާގެ އަހްމެދުއަބާދު ސިޓީގައި އޮތް ކަމަށް ބުނާ އިވެންޓެއްގައި ބައިވެރިވާނެ ކަމަށް ބުނެ ފަތުރަމުން އަންނަނީ ދޮގު މައުލޫމާތު ކަމަށް ބަތަލާ ބުނެފިއެވެ.

ޝިލްޕާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގުޖްރާތުގެ އަހްމެދުއަބާދު ސިޓީގައި އޮތް އެވޯޑު ޝޯއެއްގައި ބަތަލާ ބައިވެރިވާ ކަމަށް ބުނެ, އެ ހަފުލާ އިންތިޒާމްކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި އެކަން އިއުލާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އެއީ ޝިލްޕާއާ އެއްވެސް ގުޅުމެއް ހުރި ހަފުލާއެއް ނޫން ކަމަށާއި އޭނާ އެ އެވޯޑު ހަފުލާގައި ބައިވެރިނުވާ ކަމަށް ސަޕޯޓަރުން ގާތު ވަނީ ބުނެފައެވެ. އެ އެވޯޑު ހަފުލާއަކީ ވެސް 'ފޭކް އިވެންޓެއް' ކަމަށާއި އެފަދަ ދޮގު ޚަބަރުތައް ގަބޫލުނުކުރުމަށް ބަތަލާ ވަނީ ސަޕޯޓަރުން ގާތު އެދިފައެވެ.

ޝިލްޕާ އެވޯޑު ޝޯއެއްގައި ބައިވެރިވާ ކަމަށް ބުނެ ފެތުރި ދޮގު ޚަބަރާ ގުޅުވައިގެން ބަތަލާ ނެރުނު ޕޯސްޓު--ފޮޓޯ/އިންސްޓަގްރާމް

އާއްމުކޮށް އެފަދަ އެވޯޑު ޝޯތަކުގައި ފިލްމީ ތަރިން ބައިވެރިވާ ކަމަށް ބުނެ، އެ ހަފުލާ އިންތިޒާމުކުރާ ފަރާތްތަކުން އާއްމުންގެ އަތުން ފައިސާ އަތުލައެވެ.

ހަފުލާ އިންތިޒާމުކުރި ފަރާތްތަކުން ޝިލްޕާ ޗީފް ސެލެބްރިޓީގެ ގޮތުގައި އެ ހަފުލާގައި ބައިވެރިވާނެ ކަމަށް އިއުލާނުކޮށްފައިވާކަމުގެ މައުލޫމާތު ޝިލްޕާއަށް ލިބިފައިވާ ކަމަށް ވެސް ބަތަލާ ވަނީ ބުނެފައެވެ. އެހެންކަމުން އެއްވެސް ކަހަލަ ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން އެ ކަމުގެ ތެދު ދޮގު އޮޅުން ފިލުވުމަށް ޝިލްޕާގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

މިފަދަ އިވެންޓުތަކާއި އެވޯޑު ޝޯތަކުގައި ފިލްމީތަރިން ބައިވެރިވާ ކަމަށް ބުނެ މީގެ ކުރިން ވެސް އާއްމުންގެ އަތުން ބައެއް މީހުން ވަނީ ފައިސާ އަތުލާފައެވެ.

ސޯޝަލް މީޑިއާ އާއްމުވެ އާއްމުންގެ ހޭލުންތެރިކަން ޓެކްނޮލޮޖީއާ ގުޅިގެން އިތުރުވަމުން އަންނަ ވަރަކަށް އޮޅުވާލައިގެން އެފަދަ ހަފުލާތައް ބާއްވާ މީހުންނަށް އަންނަނީ ނާކާމިޔާބީއާ ކުރިމަތިވަމުންނެވެ.

comment ކޮމެންޓް