ކުރީގެ ރައީސުންނާއި މެންބަރުންގެ އިނާޔާތްތައް އުނިކުރަން ހުށަހަޅުއްވާނެކަން ރައީސް އިއުލާން ކުރައްވައިފި

ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އިއުލާންކުރައްވައިފިއެވެ.

ރައީސް އެފަދައިން އިއުލާންކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ކުރީގެ މެންބަރުންނާއި ރައީސުންނަށް ދޭ އިނާޔަތްތަކާ މެދު މި ފަހުން ވަނީ ކަންބޮޑުވުން ބޮޑުވެފައެވެ.

އެ ކަމާ ގުޅިގެން ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ރައީސް މުއިއްޒު މިދިޔަ ހަފުތާ ބަންދު ތެރޭގައި ފޮނުއްވި މެސެޖެއްގައި ވަނީ، މަޖިލީސް މެންބަރުކަން ކުރައްވާފައި ތިއްބެވި ކުރީގެ މެންބަރުންނާއި ކުރީގެ ރައީސުންނާ ދެމުންދާ އިނާޔަތްތައް މަދުކުރަން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ރައްޔިތުން އެދެނީ އެ ގޮތަށް ކަމަށް ވެސް އެ މަނިކުފާނު ލިޔުއްވާފައިވެއެވެ.

އެ ޚަބަރާ އެކު ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި އެ ކަމާ ގުޅޭ ގޮތުން ދެކޭގޮތް ހާމަކޮށްފައެވެ.

https://sun.mv/211006

އެ ގޮތުން، މީސްމީޑިއާގައި އެ ޚަބަރު ޝެއާކުރި ގިނަ ބަޔަކު ވަނީ ރައީސްގެ ޚިޔާލުފުޅަށް ތާއީދުކޮށްފައެވެ. އެއީ، 'އަވަހަށް ކުރަންޖެހޭ' ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި، ގިނަ ބަޔަކު ވަނީ ކުރީގެ ރައީސުންނާއި މެންބަރުންނަށް ދޭ އިނާޔަތް ކުޑަކުރުމުގެ ބަދަލުގައި އެކީ ކަނޑާލަން ގޮވާލައިފައެވެ.

މީގެ އިތުރުން، ބައެއް މީހުން ވަނީ ފުލުހުންނާއި ސިފައިންނަށް ދެމުން އަންނަ އިނާޔަތްތައް ވެސް ކަނޑާލަން ގޮވާލާފައެވެ. އަދި، ފަނޑިޔާރުންނަށް ދެމުން އަންނަ އިނާޔަތްތައް ކަނޑާލުމާއި ސަރުކާރަށް އެކި ފެންވަރުގައި އައްޔަންކޮށްފައި ތިބި ސިޔާސީ މުވައްޒަފުން ވަކިކުރަން ވެސް ގިނަ ބަޔަކު ގޮވާލާފައިވެއެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި ރައީސްގެ ހުށަހެޅުއްވުމަށް ޕީއެންސީގެ ތެރެއިން ދެކޮޅު ހެއްދެވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު (ޓޮމް)އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ)އެވެ. އެހެން މެންބަރުން އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވި ނަމަވެސް ގިނަ މެންބަރުން ވަނީ ފަނޑިޔާރުންނާއި ސަލާމަތީ ޚިދުމަތްތަކަށް ކުރަމުން އަންނަ ހޭދަ ވެސް ކުޑަކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އެނގިފައިވާ ގޮތުގައި މެންބަރުންގެ ގްރޫޕުގައި ތިއްބެވި ގިނަ މެންބަރުން ވަނީ ރައީސްގެ ޚިޔާލުފުޅަށް ތާއީދުކުރައްވާފައެވެ. މިހާރު އޮތް 20ވަނަ މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިއްބަވާއިރު، އެ ޕާޓީން ބޭނުންވާ ކޮންމެ ބަދަލެއް ގެނެވޭނެއެވެ.

ކުރީގެ މެންބަރުންނަށް ދެމުންދާ އިނާޔަތްތަކާ ގުޅިގެން މި ފަހުން ފާޑުކިޔުން ބޮޑުވީ އިގުތިސާދީ ހާލަތު ދަށްވުމާ އެކުގައެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން ކުރީގެ މެންބަރުންގެ ސިއްހީ އިންޝުއަރެންސަށް 18.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މެންބަރުންނަށް އިނާޔަތާއި ސިއްހީ އިންޝުއަރެންސް ދޭން ފެށީ 2013 ވަނަ އަހަރެވެ.

https://sun.mv/211042

އެކަމަކު، ކުރީގެ މެންބަރުންނަށް މާލީ އިނާޔަތް ލިބެނީ އުމުރުން 55 އަހަރު ފުރުމުންނެވެ. އެ ގޮތުން، އެއް ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 30 އިންސައްތަ އަދި ދެ ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 45 އިންސައްތަ ލިބެއެވެ.

އެހެންވެ، ގިނަ ބަޔަކު އަންނަނީ ކުރީގެ މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑާލަން ގޮވާލައި، އެއީ އިސްރާފެއް ކަމަށް ބުނެ ފާޑުކިޔަމުންނެވެ.

ކުރީގެ ރައީސުންނަށް އިނާޔަތް ދޭން ފެށީ 2009 ވަނަ އަހަރުން ފެށިގެންނެވެ. އެ ގޮތުން، އެއް ދައުރު ފުރިހަމަކުރި ރައީސަކަށް މަހަކު 50،000 ރުފިޔާ އަދި ދެ ދައުރު ފުރިހަމަކުރި ރައީސަކަށް 75،000 ރުފިޔާގެ މަގުން އިނާޔަތް ދެއެވެ. އެ އެކަންޏެއް ނޫނެވެ. ކުރީގެ ރައީސުންނަށް ދިރިއުޅޭނެ ތަނެއް ހަމަޖައްސަން އިތުރު 50،000 ރުފިޔާއެއް ދޭއިރު، އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި 175،000 އެއްހާ ރުފިޔާ ދެއެވެ.

އެހެންވެ، ކުރީގެ ފަސް ރައީސުން ދުނިޔޭގައި ތިއްބެވުމުން ބޮޑު ޚަރަދެއް އެ ކަމަށް ކުރަންޖެހެއެވެ. އެއީ، ވެސް އާންމުންގެ ފާޑުކިޔުމާއި ނުރުހުން އޮތް ކަމެކެވެ.

comment ކޮމެންޓް