ހެލްތު މިނިސްޓްރީ މިހާރު ހިންގާ ރޯޝަނީ ބިލްޑިންގުގެ އިތުރަށް އެހެން އޮފީސް އިމާރާތެއް ހޯދަން މިއަދު އިއުލާނުކޮށްފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ، ތިން އަހަރު ދުވަހަށް އެމިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކުރާނެ އޮފީހެއް ކުއްޔަށް ހިފަން ބޭނުންވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހު 21ގެ 13:00ގެ ކުރިން ރެޖިސްޓްރޭޝަން ޝީޓު މެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިކަމަށް އަންދާސީ ހިސާބު ހުށަހެޅުން އޮތީ މިމަހުގެ 29ވަނަ ދުވަހު 13:00ގައި ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގުގައެވެ. އޭގެއިތުރަށް، މިމަހު 22ގެ 12:00ގެ ކުރިން މެއިލް މެދުވެރިކޮށް އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި އިއުލާނާ ގުޅިގެން 'ސަން' އިން ސުވާލުކުރުމުން ހެލްތު މިނިސްޓްރީން ބުނީ، މިހާރު މިނިސްޓްރީ ހިންގާ އިމާރާތުން ބަދަލުވަނީ ނޫން ކަމަށާއި އިއުލާނުކުރީ އިތުރު އޮފީހެއް ހޯދަން ކަމަށެވެ. އެއީ، މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ސޯސަން މަގުގައި ވަރަށް އުސްކޮށް ހަދާފައި ހުންނަ ރޯޝަނީ ބިލްޑިންގުގައި ހެލްތު މިނިސްޓްރީ އާއި އެ މިނިސްޓްރީއާ ގުޅުންހުރި އެހެނިހެން އިދާރާތައް ވެސް އަންނަނީ ހިންގަމުންނެވެ. އޭގެތެރޭގައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ރާއްޖެ އޮފީސް ހިމެނެއެވެ.
އަމިއްލަ މީހުންގެ އިމާރާތްތައް ކުއްޔަށް ނަގައިގެން ދައުލަތުގެ ގިނަ އިދާރާތަކެއް މިހާރުވެސް އަންނަނީ ހިންގަމުންނެވެ. އެހެންކަމުން ކުލި ދައްކަން ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހެއެވެ. އަމިއްލަ މީހުންގެ ބައެއް ގޭގޭ ސީދާ އޮފީސްތަކަށް ކުއްޔަށް ދިނުމަށް ހަދައިފައި ހުރެއެވެ.