ސްކޭމްތައް އިންތިހާއަށް އާއްމުވެފައިވާ މި ދިވެހި ރާއްޖޭގެ ސްޕެޝަލައިޒް ވާން އުޅުނު, ޑޮކްޓަރުންތަކަކާއި ޑޮކްޓަރުކަން ކިޔަވަން އުޅުނު ކުދިންތަކެއް އެޖެންސީއެއްގައި ސްކޭމެއްގައި ޖެހި އެތައް ހާސް ޑޮލަރެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ރާއްޖެއިން ބޭރުން މެޑިސިން ކިޔެވުމުގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށް ބުނެ ޒީޑް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ބަޔަކު އެތައް ދިވެހީންނެއްގެ އަތުން ފައިސާ ނަގައި، ކިޔަވަން ދިޔުމުގެ ކަންކަން ހަމަޖައްސައިދީފައި ނުވާ މައްސަލައެއް އެ ކުދިންނާއި އެ ކުދީންގެ އާއިލާތަކުން ވަނީ ސޯޝަލް މީޑިއާގައި މި ފަހުން ހާމަކޮށްފައެވެ.
މި މައްސަލަ ވަރަށް ބޮޑުވި ފަހުން އިއްޔެ ފުލުހުން ބުނީ އެ މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
މި މައްސަލައިގައި ގެއްލުން ލިބުނު މީހުންނަށް, ހިލޭ ސާބަހަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭ, އެޗް އެންޑް އެސޯސިއޭޓްސް އެލްއެލްޕީގެ މެނޭޖިން ޕާޓްނަރު, އަދި ގާނޫނީ ވަކީލް, އިބްރާހީމް ހާފިޒް މިއަދު "ސަން" އަށް ވިދާޅުވީ ޒީޑް އިންޓަނޭޝަނަލް، ޒީޑް ކޮންސަލްޓަންސީ، އަދި ޒީޑްލް.ކޯ މި ނަންނަމުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ އޭޖެންސީއަކާ ދެކޮޅަށް ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅޭގޮތުން ވިކްޓިމައިޒް ވެފައިވާ ބައެއް މީހުންނަށް ޤާނޫނީ އެހީތެރިކަން އެ ލޯފާމުން އަންނަނީ ފޯރުކޮށްދެމުން ކަމަށެވެ.
އެ ލޯފާމަށް ލިބި އަދި ކަށަވަރުކުރެވިފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުން ޒީޑް އިންޓަނޭޝަނަލްއިން ވަނީ މެލޭޝިއާ، ފިލިޕީންސް އަދި ސްރީލަންކާގައި މެޑިސިންގެ ދާއިރާއަށް ޚާއްސަކޮށްގެން ކިޔެވުމާ ޕްރޮގްރާމްތަކަށް ކިޔަވައިދޭ މަރުކަޒުތަކުން ނަގާ އަސްލު ޓިއުޝަން ފީގެ ތިން ގުނަ ނުވަތަ ހަތަރު ގުނަ ބޮޑު އަގު ދައްކަން ޖެހޭކަމަށް ބުނެ ދަރިވަރުންނަށް އޮޅުވާލައި ފައިސާ ނަގާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެ އޭޖެންސީން ދަރިވަރުންނަށް ދީފައިވާ ގޯސް މައުލޫމާތުގެ ސަބަބުން، ދަރިވަރުންނަށް ވިސާގެ މައްސަލަތައް ދިމާވެ، ބައެއް ދަރިވަރުން ގައުމުތަކުން ޑީޕޯޓުކުރުމާއި، އަދި ބައެއް ދަރިވަރުންގެ އަތުން ފީ ނަގައި ކަނޑައެޅިފައިވާ ހޮސްޕިޓަލްތަކަށް ފައިސާ ނުދެއްކުން ފަދަ ސީރިއަސް މައްސަލަތައް ވަނީ ދިމާވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި މި މައްސަލައިގައި ވަކިން ކަންބޮޑުވާންޖެހޭ އެއް ކަމަކީ، އެ އޭޖެންސީއިން, ދިވެހިރާއްޖޭގެ ކްރިކެޓް އެސޯސިއޭޝަން (ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް) ހިންގާ އޮފީސް ބޭނުންކޮށްގެން ކިޔަވަންދާ ދަރިވަރުންނާ ބައްދަލުކޮށް ޕްރެޒެންޓޭޝަންދީ ބައްދަލުވުންތައް ބާއްވަމުންދާ ދިއުން ކަމަށެވެ. މި ވަގުތު ވެސް މި އޭޖެންސީ ދަނީ މާލޭގެ ބޮޑެތި މަގުތަކުގައި އިޝްތިހާރުތައް ބަހައްޓައިގެން ދަރިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ކަންބޮޑުވުމާއެކު އޭނާ ވިދާޅުވިއެވެ.
ހާފިޒް ވިދާޅުވިގޮތުގައި މި ކުންފުނި އެކި ނަންނަމުގައި ރާއްޖޭގައި އޮޕަރޭޓް ކުރާތާ ވަރަށް ދުވަސްވެއްޖެ ކަމަށެވެ. މި ފަހުން އެ ކުންފުނިން ފިލިޕީންސަށް ސްޕެޝަލައިޒްވާން ފޮނުވި ދިވެހި ޑޮކްޓަރުންތަކެއްގެއަތުން ތިން އަހަރު ދުވަހަށް 40,000 ޑޮލަރުގެ ފީއެއް ނެގުމަށް އެގްރީމެންޓް ހެދިއިރު އެ ކިޔެވުމުގެ އަސްލު އަގަކީ ތިން އަހަރަށް 10,000 ޑޮލަރުކަން ފަހުން އެނގިފައިވާ ކަމަށް ވެސް ހާފިޒް ވިދާޅުވިއެވެ.
"މި ކޭސްތަކުން އަޅުގަނޑަށް ފާހަގަވި އަނެއް ކަމަކީ މީހުން އެވެއާއެއް ނޫން. ބޭނުންވަނީ ޖާގަ އޮތީމަ ކިޔަވަން ދާން އަވަހަށް, ސަރުކާރުން ލޯނު ދޭތީ ކިޔަވަން ބޭނުން ވަނީ. އެއީ ކިޔަވައި ނިންމައިގެން އައީމަ މުސާރަ ބޮޑުވީމަ އެ ލޯނު ފަހުން ދެއްކޭނެތީ. އެކަމަކު މިއީ ގައުމުން ބޭރުވާ ގިނަ އަދަދެއްގެ ފައިސާ މި ގޮތަށް ވެސް," ހާފިޒް ވިދާޅުވިއެވެ.
މިފަދަ އިތުރު ކޭސްތަކެއް ހިއްސާ ކުރައްވަމުން ހާފިޒް ވިދާޅުވީ މިއަހަރު ސްޕެޝަލައިޒް ވުމަށް އެޖެންސީއެއް މެދުވެރިކޮށް ޕިލިޕީންސްއަށް ދިޔަ 15 ދިވެހި ޑޮކްޓަރުންނަށް ލަނޑުލިބި އެނބުރި އަންނަން ޖެހުނު ކަމަށެވެ. ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރި އެ 15 ދިވެހި ޑޮކްޓަރުން ޕިލިޕީންސްއަށް ދިޔައީ އެ ގައުމުގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހަދަން ޖެހޭ ޓެސްޓް ހެދުމަށް 1500 ޑޮލަރުގެ ފީއެއް ދެއްކުމަށް ފަހު ކަމަށާއި, އެ ޑޮކްޓަރުން އެ ގައުމަށް ގޮސް ޓެސްޓް ހަދަން ބެލިއިރު އެޖެންސީން އޮތީ އެ އިންތިޒާމުތައް ހަމަނުޖައްސާ ކަމަށް ހާފިޒް ވިދާޅުވިއެވެ.
މިހާތަނަށް ލިބިފައިވާ ހުރި ހެކިތަކާއި ފެންނަން ހުރި ފޮޓޯތަކަށް ބަލާއިރު އެ 15 ޑޮކްޓަރުންނަށް ލަނޑުދިން އެޖެންސީއާއި މި ފަހުން ލަނޑުދީގެން މިއުޅޭ ކަމަށް ބުނާ ޒީޑް ކުންފުންޏާ ގުޅުންތަކެއް އޮތް ކަމަށް ބެލެވޭ ކަމަށް ހާފިޒް ވިދާޅުވިއެވެ.
ހާފިޒްގެ އަނެއް ކަންބޮޑުވުމަކީ އެތައް ބަޔަކަށް މި ގޮތަށް ލަނޑުދެމުން ދާއިރުވެސް މިފަދަ އެޖެންސީތައް ރެގިއުލޭޓްކޮށް ބަލަހައްޓާނެ, ގާނޫނާއި ގަވާއިދުތައް ރާއްޖޭގައި ނެތުމެވެ.
"ބޭނުން އަގެއް ނަގަމުން އެދަނީ. މީގެ ސަބަބުން ގެއްލުން އެބަވޭ ސަރުކާރަށް ވެސް," ހާފިޒް ވިދާޅުވިއެވެ.
"މި ފުރުޞަތުގައި، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، މަތީ ތަޢުލީމާބެހޭ ވުޒާރާއަށާއި، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއަށް ގޮވާލަނީ މި މި މައްސަލަ އަވަހަށް ތަޙުޤީޤުކޮށް، މަކަރާއި ޙީލާތުން ދިވެހި ދަރިވަރުންނާއި އެ ދަރިވަރުންގެ އާއިލާތައް ފޭރި ނަހަމަގޮތުގައި އެފަރާތްތަކުގެ އުންމީދުތައް ނަހަމަގޮތުގައި ބޭނުންކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް," ހާފިޒް ވިދާޅުވިއެވެ.
މި ބޮޑު ތުހުމަތުތަކާއެކު ޒީޑްގެ ބަހެއް ހޯދާލުމަށް އެ ކުންފުނީގެ ނަންބަރަށް ގުޅިއިރު ފޯނު ނިވާލާފައި އޮންނާތީ އެ ކުންފުނީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. ތުހުމަތު ކުރާ ގޮތުގައި މި ކުންފުނި ހިންގަމުން އަންނަނީ ކުޅިވަރު ދާއިރާގައި އިސްކޮށް އުޅުއްވާ ދިވެއްސަކު ފަހަތުގައި ހުންނަވައިގެން އަވައްޓެރި ސްރީލަންކާގެ ބައެއް މެދުވެރިކޮށެވެ.