ނޫސްވެރިކަމާއި މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭ ގޮތަށް, ސަރުކާރާ ގުޅުން ބޮޑު އަމިއްލަ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލު ދިރާސާ ކުރުމަށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ވެސް ސިއްރުކުރުމުން އެކަމުގެ ސަބަބު ސާފުކޮށްދިނުމަށް އެދި, ކޮމިޓީން ނުނިކުތް ނޫސްވެރިންތަކެއް, މަޖިލީހުގެ ސެކިއުރިޓީން ބޭނުންކޮށްގެން ގަދަކަމުން ނެރެފިއެވެ.
ޗުއްޓީގައި އޮތް މަޖިލީހުގެ ދައުރުން ބޭރު ދެ ޖަލްސާ އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު ޗުއްޓީގައި ތިއްބެވި ސަރުކާރުގެ މެންބަރުން މަސައްކަތަށް ނިކުންނަވައި އިއްޔެއާއި މިއަދު ވެސް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބާއްވައިފައެވެ. މައިގަނޑު މަސައްކަތަށް އޮތީ މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ހުށަހަޅާފައިވާ ބިލްގެ މަސައްކަތެވެ.
ނަމަވެސް، އިއްޔެ ވެސް މިއަދު ވެސް އެ ކޮމިޓީގައި އެ މަސައްކަތް ކުރައްވަން ކޮމިޓީގެ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުން ނިންމެވީ ކޮމިޓީ ސިއްރު ކުރުމަށެވެ.
އިއްޔެ ކޮމިޓީ ސިއްރުކުރުމާ އެކު ނޫސްވެރިން ވަނީ މަޖިލީހުން ނުކުމެ, މަޖިލިސް ދޮށުގައި ކަންކަން ސިއްރުނުކޮށް ހާމަ ކުރަން ގޮވާލައި އިހުތިޖާޖުކޮށްފައެވެ.
މިއަދުގެ ކޮމިޓީއަށް ދިޔަ, ދައުރު ނޫޙުގެ ނޫސްވެރިޔާ މުޒައްޔިން ނާޒިމް, ކަން ހިނގިގޮތް "ސަން"އަށް ކިޔައިދެމުން ބުނީ، ނޫސްވެރިންގެ ކަންބޮޑުވުން އިންތިހާއަށް އޮތް އެ ބިލު ދިރާސާކުރާ ކޮމިޓީ ސިއްރުކުރާ ސަބަބާ ސާފުކުރުމަށް ނޫސްވެރިން ތަކުރާރުކޮށް އެހުމުން ވެސް މެންބަރުން އެކަމަށް ޖަވާބެއް ނުދެއްވި ކަމަށެވެ. އަދި، ނޫސްވެރިން އެ ސުވާލު ތަކުރާރުކޮށް އެހުމުން ވެސް އެކަމަށް ޖަވާބު ނުދެއްވައި ގަދަކަމުން ނޫސްވެރިން ކޮމިޓީން ނެރުނީ ކަމަށް އޭނާ ބުންޏެވެ.
މަޖިލީހުގެ ގިނަ ސެކިއުރިޓީ ބޭފުޅުންތަކެއް ބޭނުންކޮށްގެން ވަނީ ގަދަކަމުން ނޫސްވެރިން ކޮމިޓީން ނެރެފައެވެ. އޭގެ ތެރެއިން ބައެއް ނޫސްވެރިން ނެރެފައިވަނީ ހަތަރެސްފައިގައި ހިފައި އުފުއްލާލައިގެންނެވެ.
މިކަމާ ގުޅޭގޮތުން މަޖިލީހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ބާއްވަން ވާނީ އާއްމުކޮށް ނޫސްވެރިންނާއި އާއްމުންނަށް ހުޅުވާލައިގެންނެވެ. ނަމަވެސް، ބައެއް ހާލަތްތަކުގައި މެންބަރުންގެ މެދުގައި ވޯޓަކަށް އަހައި ފާސްވެއްޖެ ނަމަ ބައްދަލުވުންތައް ސިއްރުކުރެވޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކޮމިޓީ ސިއްރުކުރުމުން އާންމު އުސޫލުން ނުކުންނަން ޖެހޭނެއެވެ. އެ ފަދައިން އަމަލުނުކުރާނަމަ ކޮމިޓީ މެދުކަނޑައިވެސްލައެވެ.
ބައްދަލުވުންތައް ސިއްރު ކުރެވޭނެ ހާލަތްތަކުގެ ގޮތުގައި ގަވާއިދުގައި ބުނަނީ ގައުމީ ސަލާމަތަށް ނުރައްކާތެރި މައުލޫމާތެއް ހިއްސާ ކުރާ ބައްދަލުވުމަކަށް ވުން ނުވަތަ ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ހުރި އާންމުކުރުން އެކަށީގެން ނުވާ މައުލޫމާތު ހާމަ ކުރާ ބައްދަލުވުމަކަށް ވުމެވެ. ނުވަތަ މީހެއްގެ ޒާތީ, ނުވަތަ ފަލީހަތްވާ ފަދަ މައުލޫމާތެއް ހާމަ ކުރާ ބައްދަލުވުމަކަށް ވުމެވެ.
ސަރުކާރާ ގުޅުން ބޮޑު، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރު ހުށަހެޅުއްވި, މީޑިއާ 'ކޮންޓްރޯލް' ބިލާ ގުޅިގެން ރާއްޖޭގެ ނޫސްވެރިންނާއި ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުގެ އިތުރުން ރާއްޖޭގެ އެޗްއާރުސީއެމްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކާ ހިލާފު މާއްދާތަކެއް މި ބިލުގައި ހިމެނޭ ކަމަށް ބުނެއެވެ.
މި ބިލަކީ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ބިލެއް ކަމަށް ފުރަތަމަ ސަރުކާރުން ބުނި ނަމަވެސް ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ދައުލަތުގެ ބަންޑާރަނައިބު އަޙްމަދު އުޝާމް ވެސް ވަނީ މި ބިލުގެ ދިފާއުގައި ވާހަކަދައްކަވައިފައެވެ.
ސަރުކާރުގެ މެންބަރުންނާއި ސަރުކާރުގެ ވެރިން ބުނަނީ މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ރައީސަށް ދޭ މި ބިލަކީ ދޮގު ވާހަކަތައް ފެތުރުން ހުއްޓުވަން ކޮންމެހެން މުހިންމު ބިލެއް ކަމަށެވެ. ނަމަވެސް، ނޫސްވެރިންނާއި މިނިވަން މީޑިއާގެ ހައްގުގައި ވަކާލާތު ކުރާ މީހުން ބުނަނީ މިފަދަ ބިލެއް ހުށަހެޅުމުގެ މަގުސަދަކީ ސިޔާސީ މީހުން ކުރާ ވައްކަންތަކާއި ކޮރަޕްޝަންގެ ވާހަކަތައް ލިޔުނަ ނުދިނުން ކަމަށެވެ.