ދެން މިސްކިތް ބިނާކުރަން ފަށާތާ ދެ އަހަރުގެ ތެރޭ މަސައްކަތް ނިންމަން ޖެހޭނެ

ވިޔަފާރިވެރިންގެ މިސްކިތް: މިސްކިތެއް ބިނާކުރަން ފަށާތާ ދެ އަހަރުގެ ތެރޭ މަސައްކަތް ނިންމަން ޖެހޭ ގޮތަށް މިނިސްޓްރީން ވަނީ އުސޫލު ބަދަލުކުރަން ނިންމައިފަ -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މިސްކިތް ބިނާކުރަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް ބިނާކުރަން ފަށަން ހަ މަސްދުވަސް ދިނުމަށާއި، އަދި ނިންމަން ދެ އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއް ނުދިނުމަށް، އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ވޭތުވެދިޔަ އަހަރުތަކުގައި އަމިއްލަ ފަރާތްތަކުން މިސްކިތް އެޅުމަށް ތަންތަނުން ބިން ހޯދުމަށް ފަހު މަސައްކަތް ނުފަށައި، ނުވަތަ މަސައްކަތް ނުނިންމައި އެތައް އަހަރެއްވަމުންދާތީ، އެކަމުގެ ސަބަބުން އާންމުން ނަމާދުކުރުމަށް އެކި ސަރަހައްދުތަކުގައި ތަކުލީފުތައް އުފުލަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންވެ އެ މައްސަލަ ހައްލުކުރުމަށްޓަކައި އުސޫލުތަކެއް ކަނޑައަޅައި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް، މިނިސްޓްރީން ބުންޏެވެ. އެގޮތުން މިނިސްޓްރީން ވަނީ، މިސްކިތް ބިނާކުރަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް ދެ އަހަރަށް ވުރެ ދިގު މުއްދަތެއް މަސައްކަތް ނިންމުމަށް ނުދިނުމަށާއި، މަސައްކަތް ހަވާލުވާތާ ހަ މަހުގެ ތެރޭ މަސައްކަތް ނުފަށައިފިނަމަ މިސްކިތް ބިނާކުރުމަށް ނެގި ބިން އަތުލަން ނިންމައިފައެވެ.

ހަމަ އެއާއެކު، އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތެއް އެ ބިމުގައި ނުހިންގޭނެ ކަމާއި އަމިއްލަ މުދާ ގުދަންކުރުން ފަދަ ކަންކަން ނުކުރެވޭނެ ކަމަށް ވެސް، މިނިސްޓްރީން ކަނޑައެޅި އުސޫލުގައިވެއެވެ.

އަދި މިސްކިތް ބިނާކުރުމަށް ބޭނުންވާ ފައިސާ ހުރިތޯއާއި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފަށާއިރު އެ މަސައްކަތް ނިންމަން ބޭނުންވާ ފައިސާ ލިބޭނެތޯ، މިސްކިތް ބިނާކުރާ ފަރާތުން ކަށަވަރުކުރަން ޖެހޭނެ ކަމަށާއި، މިސްކިތް ބިނާކޮށް ނިމުމުން ސަރުކާރާ ހަވާލުކުރަންޖެހޭނެ ކަމަށް ވެސް، އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް