މާދަމާރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖައްސަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާއެއްގައި އެ މިނިސްޓްރީން ބުނީ، މާދަމާރޭ ރާއްޖޭގެ ގަޑިން 8:28 ހާއިރު ހަނދުކޭތަ ހިފަން ފަށާނެ ކަމަށާއި، އެންމެ ބޮޑަށް ކޭތަ ހިފާފައި ހުންނާނީ އެ ރޭ 11:11 ހާއިރު ކަމަށެވެ.
ހަނދުކޭތަ ވީއްލާނީ މެންދަމުން އަލިވެ 1:55 ހާއިރު ކަމަށް، މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ ސާކިއުލާގައިވަނީ، މާދަމާރޭ 11:12 ގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދުކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކައުންސިލްތަކަށް އަންގައިފައެވެ. އަދި ކޭތަ ނަމާދުގެ ޚުތުބާ މާދަމާ މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ވެސް އެ ސާކިއުލާގައި ފާހަގަކޮށްފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން އެ ސާކިއުލާ ކައުންސިލްތަކަށް ފޮނުވީ މިއަދެވެ.
މާދަމާ ރޭ ރާއްޖެއަށް ފެންނާނީ 'ބްލަޑް މޫން'އެކެވެ.
ހަނދުކޭތަ ހިފަނީ އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމުގެ ސަބަބުންނެވެ. އަދި ހަނދު ފުސް ރަތް ކުލައެއްގައި ފެންނަނީ ނުވަތަ ބްލަޑް މޫންއަކަށް ވަނީ އިރުގެ ބައެއް ދޯދިތައް ދުނިޔޭގެ ޖައްވުން ގޮސް ހަނދަށް އެޅޭތީއެވެ.
ފަލަކީ އިލްމުގެ ތަޖުރިބާކާރެއް ކަމަށްވާ ޢަބްދުﷲ ރަޝީދު (ލިނެޓް) ވިދާޅުވި ގޮތުގައި، އަންނަ އާދިއްތައިގައި ހިފާ ހަނދުކޭތަ އެންމެ ފުރިހަމައަށް ފެންނާނެ އެއް ގައުމަކީ ރާއްޖެއެވެ.
"ސަބަބަކީ، މި ކޭތަ އެންމެ ފުރިހަމަވާ ވަގުތު ކަމަށްވާ މާލޭގަޑިން ރޭގަނޑު 11:12 ގައި ހަނދު ހުންނާނީ މަލޭ އޮންނަ ޠޫލު (ލޮންޖިޓިޔުޑް) އަށް ވުރެން 13 ދަރަޖަ އިރުމަތީގައި ކަމަށްވެފައި، ހަ ދަރަޖަ ދެކުނު ޠޫލު (ލެޓިޓިޔުޑް) އެއްގައި ކަމަށްވުމުން ހަނދު ފެންނާނީ މާލެއަށް މެދު އުޑުގައި ހުންނައިރު ހުންނަ ފަދަ ގޮތެއްގައި މެދުއުޑާ ދާދި ކައިރީގައި ކަމަށް ވާތީއެވެ." އޭނާ ލިޔުއްވާފައިވެއެވެ.
ރަޝީދު ވިދާޅުވީ، ލޮލަށް ފެންނަ ކޭތަ ހިފަން ފަށާ ވަގުތަކީ މާލޭ ގަޑިން 9:27 ކަމަށެވެ. އަދި ކޭތަ ވީއްލާ ގަޑިއަކީ 12:56 ކަމަށް އޭނާ ލަފާކުރައްވާފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެ ރެޔަކީ ވިއްސާރަވާނޭ ރެއެއް ކަމަށް ލަފާނުކުރެވޭ ނަމަވެސް އުޑުމަތި ސާފު ނުވެދާނެ ކަމަށެވެ.
ކޭތަ ހިފާ ދުވަސްތަކުގައި ރާއްޖޭގައި ކޭތަ ނަމާދު ކުރެއެވެ.